ޓޮރޮންޓޯގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ބަޑީގެ ހަމަލާތަކެއް ދީފި
10 މާރިޗު 2026 - 16:48

އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި، ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކެނެޑާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު މި ހާދިސާ ސިފަކުރައްވާފައިވަނީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ގޮތުގައެވެ.

Ad by Hajj Corporation
ޓޮރޮންޓޯ ފުލުހުން އެކްސްގައި ހާމަކުރި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 5:29 ގައެވެ. ހާދިސާ ހިނގި ސަރަހައްދުން ބަޑިޖަހާފައިވާ ކަމުގެ ހެކި ފެނިފައިވީ ނަމަވެސް، މިކަމުގައި ތުހުމަތުކުރެވޭ މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ޕަބްލިކް ސޭފްޓީ މިނިސްޓަރު ގޭރީ އާނަންދަސަންގަރީ ވިދާޅުވީ، މިފަދަ ބިރުދެއްކުމާއި އަނިޔާވެރި އަމަލުތަކަކީ ކެނެޑާގައި އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ކެނެޑާގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ މިފަދަ އަމަލުތަކަށް އެ ގައުމުން ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ކެނެޑާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހު ނޯވޭގެ އޮސްލޯގައި ހުންނަ އެމެރިކާގެ އެމްބަސީގައި އަމިއްލައަށް އުފައްދާފައިވާ ގޮވާ އެއްޗެއް ގޮއްވާލާފައިވެއެވެ. މި ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިކަމާ އީރާނުގެ ހަނގުރާމައާ ގުޅުމެއް އޮތްތޯވެސް ތަހުގީގު ކުރަމުންދާ ކަމަށްވެއެވެ.
ނިއުޔޯކް ސިޓީގައިވެސް، މިދިޔަ ބަންދު ދުވަސްތަކުގައި އިސްލާމްދީނާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ ބަޔަކަށް އަމިއްލައަށް އުފައްދާފައިވާ ބޮމެއް އުކާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.


