ދަތުރުފަތުރުގެ ދާއިރާއަށް މިދިޔަ އަހަރު 4.7 ބިލިޔަން ރުފިޔާ ހޭދަކުރި!
21 ޖެނުއަރީ 2026 - 11:39

ދަތުރުފަތުރުގެ ދާއިރާއަށް މިދިޔަ އަހަރު 4.7 ބިލިޔަން ރުފިޔާ ހޭދަކުރިކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ 2025 ވަނަ އަހަރު އަހަރުތެރޭ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މީގެތެރޭގައި ހިމެނެނީ ބަނދަރުތައް ތަރައްޤީކުރުމާއި، ބުރިޖާއި އެއާޕޯޓުގެ މަސައްކަތަކެވެ. މީގެތެރެއިންވެސް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އެއާޕޯޓުތައް ތަރައްޤީކުރުމަށެވެ. އެއާޕޯޓުތައް ތަރައްޤީކުރުމަށް މިދިޔަ އަހަރުތެރޭވަނީ 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

Ad by Hajj Corporation
ވަކިވަކި ދާއިރާތަކަށް ކޮށްފައިވާ ހޭދައަށް ބަލާއިރު ބިން ހިއްކުމަށް 1.2 ބިލިޔަން ރުފިޔާ، ތިމާވެށި ޙިމާޔަތްކުރުމަށް 696 މިލިޔަން ރުފިޔާ، ޞިއްޙީ ދާއިރާއަށް 460 މިލިޔަން ރުފިޔާގެ އިތުރުން ފެނާއި ނަރުދަމާއަށް 366 މިލިޔަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 204 މިލިޔަން ރުފިޔާކަން ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ހާމަވެއެވެ.
މިއާއެކު މިދިޔަ އަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް އެކުޖުމުލަ 8.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެނގެއެވެ.
މިދިޔަ އަހަރަށް ލަފާކޮށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ، 12.4 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާއިން ބުނީ، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
ސަރުކާރުން ވަނީ، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ.


