ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފި
18 އޮކްޓޯބަރު 2026 - 08:22

މިއަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) މަޝްރޫއުތަކުގެ ތެރެއިން ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބަޖެޓުގައި ޕީއެސްއައިޕީގެ ތެރެއިން ދަތުރުފަތުރުގެ މަޝްރޫތަކަށް ކަނޑައަޅާފައި ވަނީ 2.3 ބިލިއަން ރުފިޔާ އެވެ. މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަދަދުގެ 83 އިންސައްތަ ހޭދަކޮށްފައި ވަނީ ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ބްރިޖް މަޝްރޫޢަށެވެ. އެގޮތުން ބްރިޖްގެ މަސައްކަތަށް 798 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ދެވަނައަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މަގު ހެދުމުގެ މަޝްރޫޢުތަކަށެވެ. އެއީ 556 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި މިއަހަރު ކުރީކޮޅު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމަށް ކުރި ޚަރަދުވެސް ހިމެނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ އިތުރުން، އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް 540 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 393 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޕީއެސްއައިޕީގެ ދަށުން މިހާތަނަށް ހިނގާފައިވާ 4.8 ބިލިއަން ރުފިޔާގެ ޚަރަދުގެ ތެރެއިން 40 އިންސައްތަ ހިއްސާކުރަނީ ވެސް ދަތުރުފަތުރާ ގުޅުންހުރި މަޝްރޫޢުތަކެވެ.
މިއަހަރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ޖުމްލަ 8.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

-01.jpg&w=3840&q=75)
