މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެއްޖެ
ޒިދާން މުޙައްމަދު
23 ޖެނުއަރީ 2026 - 07:04

މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެއްޖެއެވެ.
މިކަން ހާމަކޮށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވަނީ ވީހާވެސް ގިނަ މީހުން ލޭ ހަދިޔާ ކުރުމަށް އެދިފައެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 6 ބާވަތެއްގެ ލޭ ވަރަށް އަވަހަށް އެ ސަރވިސްއަށް ބޭނުންވާ ކަމަށެވެ.

Ad by Hajj Corporation
ލޭބޭނުންވެގެން ބުނެފައިވާ ވައްތަރުތައް:
- އޭ ޕޮޒިޓިވް
- އޯ ޕޮޒިޓިވް
- އޯ ނެގެޓިވް
- ބީ ޕޮޒިޓިވް
- ބީ ނެގެޓިވް
- އޭބީ ޕޮޒިޓިވް
އެމްބީއެސްއިން ބުނެފައިވަނީ ލޭ ހޯދަން މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން މި ކެޓަގަރީތަކުގެ ލޭ ހުރި ފަރާތްތަކުން އެ ސަރވިސްއަށް ވަޑައިގެން ލޭ ހަދިޔާ ކޮށްދިނުމަށް ވަނީ އެދިފައެވެ.
ލޭ ހަދިޔާކުރެވޭނީ ހުޅުމާލެ ފޭސް1 ގައި ހުންނަ އޮރެންޖު ހިޔާއަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް މިތަން ހުޅުވާފައި ހުންނާނެއެވެ.
ލޭ ހަދިޔާ ކުރެވޭނީ، އުމުރުން 18 އަހަރު ވެފައިވާ ބަރުދަނުގައި 45 ކިލޯ ހަމަވާ މީހުނަށެވެ. އަދި ލޭ ހަދިޔާކުރާ މީހަކީ ސިއްޙަތު ސަލާމަތުން ހުރި މީހަކަށްވެސް ވާންޖެހޭނެއެވެ.
ލޭ ހަދިޔާ ކުރަން ދާއިރު 6 ގަޑިއިރުގެ ނިދި ހަމަވާން ޖެހެއެވެ. އަދި ލޭ ހަދިޔާ ކުރުމުގެ 1 ގަޑިއިރު ކުރިން ކޮންމެވެސް އެއްޗެއް ކާންޖެހޭނެއެވެ.
ލެއަކީ ހަދިޔާ ކުރުމުން މެނުވީ އެއަށް ބޭނުންޖެހިފައިވާ މީހުންނަށް ލިބޭނެ އެއްޗެއްނޫނެވެ. އެހެންކަމުން ލޭ ހަދިޔާ ކުރުމަކީ، ކޮންމެ ފަރާތަކުންވެސް އިންސާނިއްޔަތަށްޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެން ޖެހެއެވެ. ކޮންމެ ލޭ ތިއްކަކީ ޞަދަޤާތެކެވެ.
ކޮންމެ 3 މަހަކުން 1 ފަހަރު ލޭ ހަދިޔާ ކުރެވޭނެއެވެ. ރާއްޖޭގައި ލޭއަޅާ 660 އަށްވުރެ ގިނަ ކުދިން ތިބިއިރު މީގެތެރެއިން ގިނަ ކުދިން ޚިދުމަތް ހޯދަމުންދަނީ، ތެލަސީމިއާ ސެންޓަރުންނެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެތައް ޕޮއިންޓެއްގެ ލޭ ބޭނުންވެއެވެ. ކުރިއަށް އޮތީ ރަމަޟާންމަހަށް ވުމާއިއެކު މިއީވެސް ލޭ ހޯދުމަށް ދަތި މަހަކަށް ވާނެ ކަމަށް ބެލެވެއެވެ.


