މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނަނީ


04 އޭޕްރީލު 2025 - 07:33
މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ޚިދުމަތްދޭ ގަޑިތައް އަންނަ ހަފުތާއިން ފެށިގެން ބަދަލުގެންނަވައިފިއެވެ.
އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން ބްލަޑް ސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ.
އެމްބީއެސް އިން ހާމަކޮށްފައިވާ ގޮތުގައި އެޗް. ބީ ބެލުމަށް ސާމްޕަލްނެގުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު 08:00 އިން 20:00 އަށް ކުރިއަށްދާނެއެވެ. އަދި ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ޚިދުމަތް ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދެމެދު 08:00 އިން 20:00 އަށް އަދި ބުރާސްފަތި ދުވަހު 08:00 އިން 17:45 އަށް ލިބޭނެއެވެ.
މީގެ އިތުރުން ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ލިބޭނީ 08:30 އިން 13:00 އަށް ކަމަށާއި، ތެލަސީމިއާ ކާޑު ދޫކުރާނީ 08:00 އިން 14:00 އަށް ކަމަށް އެމްބީއެސް އިން ބުނެއެވެ.
އަދި ޑޯނަރުން ގައިން ލޭ ނެގުން ކުރިއަށްދާނީ 08:00 އިން 19:45 އަށް ކަމަށާއި، ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 08:00 އިން 19:30 އަށް ކަމަށްވެސް އެ ސަރވިސް އިން ބުނެއެވެ.
އެމްބީއެސް އިން ބުނީ ލޭ ގުޅައިދިނުން (1 ޔުނިޓް) ގެ ޚިދުމަތް 08:00 އިން 16:30 އަށް ލޭ ގުޅައިދިނުން (2 ޔުނިޓު) ގެ ޚިދުމަތް 08:00 އިން 14:30 އަށް ހުރިހާ އުމުރު ފުރާއަކަށްވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެ ސަރވިސް އިން ބުނީ ޑޮކްޓަރުން ބައްލަވާނީ 08:00 އިން 20:30 އަށް ކަމަށެވެ.