އެމްއޯޔޫގެ ސަބަބުން ޕޮލިސް ކޮލެޖުގެ ގާބިލުކަން އިތުރުވާނެ: ފުލުހުން
7 އޮކްޓޯބަރު 2024 - 10:33

މިއަދު އިންޑިއާ ސަރުކާރާއެކު ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގެ ސަބަބުން އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮލެޖުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ފުލުހުން ބުނެފިއެވެ.
ރާޝްތިރިއާ ރަކްޝާ ޔުނިވާސިޓީ އާއި އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެން އެންޑް ލޯ އެންފޯސްމެންޓާ ދެމެދުގައެވެ.

Ad by Hajj Corporation
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ދާހިލީ ވަޒީރު ޑރ. ރަޖެންދުރާ ކުމާރެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާ ކުރާނެކަމަށާއި ރާޝްތިރިއާ ރަކްޝާ ޔުނިވާސިޓީއަކީ ގުޅުންހުރި ދާއިރާތަކުން ފެންވަރު ރަނގަޅު ކޯސްތަކެއް ހިންގާ ކޮލެޖެއްކަމަށެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރި މި ކޮލެޖު ހުޅުވަފައިވަނީ 2022 ވަނަ އަހަރުއެވެ.
މި ކޮލެޖުގައި 340 މީހުންނަށް އެއްފަހަރާ ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައިއެވެ. މި ތަނަކީ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތަކާއި، ކުޅިވަރާއި ތަމްރީނުތަކަށް 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއެއްއަކާއި، 400 މީޓަރުގެ ދުވާ ޓްރެކެއްގެ އިތުރުން ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑަކާއެކު ގާއިމުކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން މި ކޮލެޖުގައި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.


