logo
Bank of Maldives

Bank of Maldives

ޚަބަރު

މާނޭގެ ސާބިތުކަން: ބުނެދިނީ ހިލޭ އަންހެނުންގެ ގައިގައި އަތްލުމާއި ބެއްދުމަކީ އޭނާގެ ދީން މަނާކުރާ ކަމެއްކަން

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖެނުއަރީ 2026 - 13:21
މާނޭގެ ސާބިތުކަން: ބުނެދިނީ ހިލޭ އަންހެނުންގެ ގައިގައި އަތްލުމާއި ބެއްދުމަކީ އޭނާގެ ދީން މަނާކުރާ ކަމެއްކަން

ސެނެގާލްގެ މަޝްހޫރު ފުޓްބޯޅަ ތަރި  ސާޑިއޯ  މާނޭއާ ބައްދަލުވި އަންހެން ސަޕޯޓަރަކު އޭނާގެ ގައިގައި ބައްދާލަން އުޅުމުން، އެކަމަށް މާނޭ އިންކާރު ކުރުމުން އެ އަންހެން މީހާއަށް ރޮވުނު ހާދިސާ އަކީ ސެނެގާލްގެ މުސްލިމް ކޮމިއުނިޓީން މިސާލެއްގެ ގޮތުގައި ފާހަގަކުރާ ހާދިސާއެކެވެ. މި ހާދިސާއާ ގުޅިގެން މާނޭ ވަނީ އޭނާއަކީ އިސްލާމްދީނުގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ މުސްލިމެއް ކަމަށާއި، ހިލޭ އަންހެނުންގެ ގައިގައި އަތްލުމާއި ބައްދާލުމަކީ އޭނާގެ ދީން މަނާކުރާ ކަމެއްކަން ވަރަށް ސާފުކޮށް ބުނެދީފައެވެ.

މި ހާދިސާ ހިނގި ވަގުތު ސޯޝަލް މީޑިއާގެ ބައެއް ފަރާތްތަކުން އެ އަންހެން މީހާ ރޮއިގަތީ ބާކީކޮށްލުމުން ކަމަށް ސިފަކުރި ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ އޭނާ އެންމެ ގަޔާވާ ތަރިއާ ބައްދަލުވުމުން އުފަލުން އައި ކަރުނައެވެ. މާނޭއަކީ މިފަދަ ހާލަތްތަކުގައި ވަރަށް އަދަބުވެރިކަމާއި މަޑުމައިތިރިކަމާއެކު އޭނާގެ ދީނީ އުސޫލުތައް ހާމަކުރާ ކުޅުންތެރިއެކެވެ. އޭނާ އާއިލާގެ މެންބަރުން ފިޔަވައި ހިލޭ އަންހެނުންނާ ޖިސްމާނީ ގޮތުން ބައްދަލުވުމުން އަބަދުވެސް ދުރުހެލިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަނޑުން ބޭރުގެ އިންސާނިއްޔަތުކަން

މާނޭއަކީ ދަނޑުމަތީގައި ދައްކާ ހުނަރުވެރިކަމަށްވުރެ ބޮޑަށް، ދަނޑުން ބޭރުގައި އޭނާގެ އޮންނަ ދީލަތިކަމާއި އަޚްލާގަށް މަޝްހޫރު މީހެކެވެ. އޭނާގެ އުފަން އަވަށް ކަމަށްވާ ބަމްބާލީގެ ތަރައްގީއަށް އޭނާ ދަނީ ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. އެގޮތުން 450,000 ޕައުންޑް ޚަރަދުކޮށްގެން 30 އަވަށަކަށް ޚިދުމަތްދޭ ހޮސްޕިޓަލެއް ބިނާކޮށްދިނުމާއި، 270,000 ޔޫރޯގެ ސެކަންޑަރީ ސްކޫލެއް ބިނާކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، އޭނާގެ އުފަން އަވަށުގެ ކޮންމެ އާއިލާއަކަށް އަސާސީ ބޭނުންތައް ފުއްދުމަށް މަހަކު ގާތްގަނޑަކަށް 70 ޔޫރޯގެ އެހީއެއް ދެމުންގެންދެއެވެ. އަދި އެ ސަރަހައްދުގައި 4G އިންޓަނެޓް ނެޓްވޯކެއް ގާއިމުކޮށްދީ، ޕޯސްޓް އޮފީހެއްވެސް ވަނީ ބިނާކޮށްދީފައެވެ. މިއީ އޭނާގެ މުސާރައިން ރައްޔިތުންނަށް ފޯރުކޮށްދޭ ދީލަތި އެހީތަކެކެވެ.

ތަފާތު ސުޕަރސްޓާރެއް

މުއްސަނދިކަމާއި ދެއްކުންތެރިކަން އިސްކުރާ މި ޒަމާނުގައި މާނޭއަކީ ތަފާތު މިސާލެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވަނީ ދިހަ ފެރާރީ ކާރާއި އަލިމަސް ގަޑިތަކެއް ނޫނެވެ.

 "އަހަރެން ބޭނުންވީ ދިރިއުޅުމުގައި އަހަންނަށް ލިބުނު ނިއުމަތްތަކުން ކުޑަ މިންވަރެއް ނަމަވެސް އަހަރެންގެ ރައްޔިތުންނަށް ލިބުމަށެވެ." މާނޭ ބުނެފައިވެއެވެ.

މާނޭގެ މި އަމަލުތަކުން ފެނިގެންދަނީ އޭނާގެ ދީނީ ސާބިތުކަމާއި، އުފަން ގައުމާއި ރައްޔިތުންނަށް އޮތް ލޯތްބެވެ. ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ވީނަމަވެސް، އޭނާގެ އަސްލާއި ދީނީ އުސޫލުތަކުގައި ހިފަހައްޓައިގެން ހުރުމަކީ ގިނަ ބައެއްގެ އިހްތިރާމް އޭނާއަށް ލިބޭ ސަބަބެކެވެ.

ސައުދީ އަރަބިއާގެ އަލް ނަސްރުގެ ސެނެގާލް ތަރި ސާޑިއޯ މާނޭ ކައިވެކޮށްގެން އުޅެނީ އައިޝާ ޓަމްބާއާއެވެ. އޭނާ ކައިވެނި ކުރީ ޖޫން، 2024 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަނެޓްގައި މަޝްހޫރުވި "ކުންބު މޭލާ ގާލް" އާއިލާގެ ދެކޮޅުވެރިކަމާއެކު ފުލުހުންގެ ހިމާޔަތުގައި ކުރި ކައިވެނިޚަބަރު | 23 ދުވަސް ކުރިންމެސީ ހަދިޔާކުރީ އިޒްރޭލަށް 1.5 މިލިއަން ޑޮލަރުތަ؟ ނޫނީ ޓްރަމްޕަށް ބޯޅައެއްތަ؟ދުނިޔެ | މަހެއް ކުރިންމަސްތުގެ ހާލުގައި ކާރު ދުއްވުމުން ބްރިޓްނީ ސްޕެއާސް ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންރޯދަ މަހު ހަނގުރާމައިގެ ކުރީ ސަފުގައި ހުރި އުސްމާނީ ސިފައިންގެ މީހަކު އޭނާގެ އަންހެން ދަރިފުޅަށް ފޮނުވި ސިޓީން އިބުރަތެއްޚަބަރު | މަހެއް ކުރިން