''އަމީން މިއާ ނިޔާވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި ހިނގި ހާދިސާގައި''
1 ފެބްރުއަރީ 2026 - 07:56

ތިލަފުށީގައި މަސައްކަތްކުރަނިކޮށް ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަމީން މިއާ ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު ހާދިސާ އާއި ގުޅިގެން ތަހްގީގަށް ހޯދުނު ފަހުގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ތިލަފުށި ވެމްކޯ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި އަމީން މިއާ ވެއްޓުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި، އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، ގައިމައްޗަށް ކުނިތަކެއް އެޅިފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation
ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި 32 އަހަރުގެ ސްރީލަންކާ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް އިސްކަންދިނުމަށާއި، އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަމީން މިއާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 28 ވީ ބުދަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނިޔާވެފައި އޮއްވާ ފެނުނުކަން ފުލުހުން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.


