ބާޒާރުމަތީ ސަރަހައްދުން މާލެ ވަށަމަގުގައި ތާރުއަޅަން ތައްޔާރުވަނީ
1 ފެބްރުއަރީ 2026 - 17:38

މާލެ ސިޓީގެ ބާޒާރުމަތީ ސަރަހައްދުން ވަށަމަގުގައި ތަރައްޤީކުރާ ހިސާބުގައި ތާރުއެޅުމުގެ ތައްޔާރީތައް މި ހަފުތާތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މަޝްރޫޢުގެ ކޮންޓްރެއްކްޓަރ އެމްޓީސީސީން ބުނީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތާވަލާއި އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓީސީސީން ބުނީ، ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ނިންމާލާފައިވާ ކަމަށެވެ. މީގެ އިތުރުން، މަގުގެ ދުވާރު ހެދުމާއި އަދި ކާނުތަކުގެ މަސައްކަތުގެ އިތުރުން ފެނާއި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
އެމްޓީސީސީން ބުނީ، ތާރު އެޅުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް މި ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތްތައް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށްވެސް ބުންޏެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

Ad by Hajj Corporation


