ލޯކަލް އިންތިހާބަށް ޝަރުތު ހަމަވީ 2،993 މީހުން
2 ފެބްރުއަރީ 2026 - 03:34

ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މި އިންތިހާބުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޖުމުލަ 3,547 މީހުން ފޯމު ހުށަހަޅާފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ކެންޑިޑެސީ ގަބޫލުކޮށްފައިވަނީ ޝަރުތު ހަމަވި 2,993 މީހުންގެ އެކަންޏެވެ.

Ad by Hajj Corporation
މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލީ 1,610 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 1,383 ކެންޑިޑޭޓުންނެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވަނީ އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭ ގޮތަށެވެ. މިއީ އިންތިހާބީ މަރުހަލާ ލުއިފަސޭހަކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.
ބައެއް ފޯމުތައް ރިޖެކްޓުކުރަން ޖެހުނު ސަބަބުތަކަށް ބަލާއިރު، އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުށާއި ދަރަނީގެ ރެކޯޑުތައް ފުރިހަމައަށް ހުށަހަޅާފައި ނުވުމެވެ. އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ގާނޫނީ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމުގައި މި ރެކޯޑުތަކަކީ މުހިންމު ބައެކެވެ.
އޭޕްރީލް 4 ގައި ބާއްވާ މި އިންތިހާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭއްވޭ މުހިންމު އިންތިހާބެކެވެ.
ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އާންމުކުރުމާއެކު، އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.


