ޕާކިސްތާނުގެ ބަލޯޗިސްތާނަށް ދިން ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި
2 ފެބްރުއަރީ 2026 - 04:47

މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ބަލޯޗިސްތާނަށް ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނިރުބަވެރި ކޮންމެ އަމަލަކީވެސް އިންސާނިއްޔަތާ ހިލާފު، ދަށުދަރަޖައިގެ އަމަލެއް ކަމަށާއި، ރާއްޖެއިން އަބަދުވެސް ކޮންމެ ސިފައެއްގައި ހިންގާ އެފަދަ އަމަލުތަކާއި ހަރުކަށި ފިކުރުގެ އަމަލުތަކާއި ދެކޮޅު ހަދާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކު ކަމަށްވެސް ބަޔާނުގައިވެއެވެ.

Ad by Hajj Corporation
މި ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުވާފައެވެ. އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށްވެސް އެދިފައިވެއެވެ.
ބަލޯޗިސްތާނުން ބުނާގޮތުގައި، މި ސިލްސިލާ ހަމަލާތަކުގައި 31 އާންމުންނާއި ސަލާމަތީ ބާރުތަކުގެ 17 މެންބަރުން ވަނީ މަރުވެފައެވެ. މި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހިންގި 40 ގަޑިއިރުގެ އޮޕަރޭޝަނުގައި ހަމަލާދިން މީހުންގެ ތެރެއިން 145 މީހަކު ވަނީ މަރާލާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ނިރުބަވެރިން މުޅިން ނެތިކޮށްލަން އެ ގައުމުން ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. ބަލޯޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު، ނަމަވެސް އެންމެ ފަގީރު ޕްރޮވިންސެވެ. މި ސަރަހައްދުގެ މިނިވަންކަމަށް ވަކާލާތުކުރާ ގުރޫޕްތަކުން 1948 ވަނަ އަހަރުން ފެށިގެން ދަނީ ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.


