ބަނގުރަލުގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
2 ފެބްރުއަރީ 2026 - 12:47

ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މެހެދީ ހަސަން ރާނާއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަދި ފާސްކުރިއިރު، އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 26 ފުޅި ފެނިފައިވާ ކަމަށްވެސް މައުލޫމާތު ދެއްވައެވެ.
މި މައްސަލައާ ގުޅިގެން މެހެދީ ހަސަން ރާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ 20 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.


