ރޯދަ އިނާޔަތް މި މަހުގެ 12 ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި
4 ފެބްރުއަރީ 2026 - 05:07

މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތް، ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކޮށް ނިންމުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފިއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް މި މަހުގެ 18 ވަނަ ދުވަހު ފަށާއިރު، ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން، ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމަން ޖެހެއެވެ. އަދި އިނާޔަތުގެ ފައިސާ މި މަހުގެ 10 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓު ކުރުމަށް ވެސް އޮފީސްތަކަށް ވަނީ އަންގާފައެވެ.

Ad by Hajj Corporation
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައއިވާ ގޮތުން، މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭންވާނީ އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެކަންޏެވެ.
މީގެ އިތުރުން، ރޯދަމަސް ފެށޭއިރު އެ އޮފީހަކަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް (ސްކޮލަޝިޕް މުވައްޒަފުން) ނުވަތަ ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުން، އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް، އެފަދަ ލީވެއްގައި ހުރި މުވައްޒަފަކު ރޯދަމަސް ތެރޭގައި ވަޒީފާ އަށް ނުކުމެއްޖެ ނަމަ، އެ މުވައްޒަފަކު ވަޒީފާއަށް ނުކުތް ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް ރޯދަ އިނާޔަތުގެ ފައިސާ ދޭންވާނެ ކަމަށް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.


