logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރަނީ

ޒިދާން މުޙައްމަދު
4 ފެބްރުއަރީ 2026 - 10:49
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރަނީ

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު، އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް  އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، ސަރުކާރުން ފައްޓަވާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، އާންމު ހިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާތީޖީ ތަސައްވުރު ރަމްޒުކޮށްދޭ ކަމެކެވެ.

މި ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެކެވެ. މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުމެވެ.

ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށްޓަކައި، އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއަށް ދައުވަތު ހުޅުވާލާ އެފަރާތްތަކާއި ގުޅިގެން މިސެންޓަރުން މަސައްކަތްކުރުމަށް ވަނީހަމަޖެހިފައެވެ.

އަދި ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށްފަށާ ވިޔަފާރިތަކާއި، މިދާއިރާގެ މާހިރުންނާ އެކުރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތް ތަކުގެތެރެއިން، އާއީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މިސެންޓަރުން މަސައްކަތްކުރާނެއެވެ. އެއާއިއެކު، ގައުމީ އިސްކަންދޭކަން ކަމާއެއްގޮތް ވާގޮތުގެ މަތިން، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ، ރައްކާތެރި، އަދިފުޅާކުރެވޭނެފަދަ ހައްލުތަކެއްމި މަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށްގެންދާއިރު ބީއެމްއެލް އިން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ. ބީއެމްއެލްއިން މި މަޝްރޫއުގައި ބައިވެރިވުމުން  ރަމްޒުކޮށްދެނީ ގައުމުގެ ޑިޖިޓަލް އަދި މާލީ ނިޒާމު ކުރިއެރުވުމަށާއި އާންމު ޚިދުމަތްތައްދިނުން ޒަމާނީ ކުރުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އެ ބޭންކުންދޭ އަހުމިއްޔަތުކަމެވެ.  

ގައުމުގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި  އެހީތެރިވެދޭނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް  ހަރުދަނާކުރުމަށާއި ޚިދުމަތުގެ ފެންވަރު  ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެއެވެ.  

މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި، ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެވެސްމެއެވެ. ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުން ފަދަ މަސއްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒެވެ.  

މި އެއްބަސްވުމަކީ ޑޭޓާ އާއި އޭއައިގެ ދާއިރާއިން ގައުމީ ގާބިލްކަން އިތުރުކުރުމަށާއި މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ ހުނަރުވެރި، މަސައްކަތްތެރި އާބާދީއެއް ބިނާ ކުރުމަށް ބީއެމްއެލް އާއި މައިންޑްކޯ އިންދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އަދި މުޅި ގައުމުގެ އިގުތިސާދަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ މި ގުޅުމުގެ މުހިންމު އެއް އަމާޒެވެ.  

ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް  މިއަންނަ އެޕްރީލު މަހުގައި ފަށާނެއެވެ. މި މަޝްރޫއާ ގުޅޭ ތަފްސީލްތައް ކުރިއަށް އޮތްތަނުގައި ހާމަކުރަމުންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރަނީޚަބަރު | ގަޑިއިރެއް ކުރިންބީއެމްއެލްއިން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފިޚަބަރު | ދުވަހެއް ކުރިންބޭންކް އޮފް މޯލްޑިވްސްއިން ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފިވިޔަފާރި | މަހެއް ކުރިންފްލެޓުތައް އަޅަން ދިވެހި ކުންފުނިތަކާވެސް ހަވާލުކުރާނެ، އަންނަ މަހު 3000އަށްވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް ފަށާނެ: ބީއެމްއެލްޚަބަރު | މަހެއް ކުރިން