ފެބްރުއަރީ 11 ގެ ފަހުން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރައިން
5 ފެބްރުއަރީ 2026 - 12:00

ބަރަކާތްތެރި ރަމަޟާންމަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މަސްދަޅު ދޫކުރުން މި މަހުގެ 11ގެ ފަހުން ކުރިއަށް ގެންދާނީ މިފްކޯ ފިހާރައިން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރަމްނޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުން މިހާރު ހުރި ލޮކޭޝަންތަކުން ކުރިއަށްދާނީ މި މަހުގެ 11 ގެ ނިޔަލަށް ކަމަށެވެ.

Ad by Hajj Corporation
ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައްޓާފައި ވަނީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މި ސަރަޙައްދުގައި 15 މަރުކަޒަކުން އަންނަނީ ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ހުކުރުދުވަހުގެ ރޭ ފިޔަވާ ކޮންމެ ރެއަކު 8.30އިން 11.00އަށް ކުރަމުންނެވެ.
ގްރެޓަރ މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ގާއިމު ކުރެވިފައިވެއެވެ. އެއީ މާލޭގައި 8 މަރުކަޒާއި، ވިލިމާލޭގައި 1 މަރުކަޒާއި އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނު އިރު ރަށްރަށާއި، ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.


