ވަތަނީ ހިދުމަތަަށް ނުހޮވުނު ކުދިންނަށް ވަޒީފާ ހަމަޖައްސައިދީފި
5 ފެބްރުއަރީ 2026 - 13:33

ދިވެހި ވަތަނީ ހިދުމަތް (ނޭޝަނަލް ސާވިސް ޕްރޮގްރާމް) އަށް ނުހޮވުނު 241 ޒުވާނުންނަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފިއެވެ.
ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާންތަކެއް ވަންދެން ޒުވާން ޖީލަށް އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މިސަރުކާރުން ފެށި ވަތަނީ ހަރަކާތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވެފައިވާ ކަމަށެވެ.

Ad by Hajj Corporation
މީގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގައި ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ،ދަސްވެނިވި ކުދިންގެ ތެރެއިން މި ތަމްރީނުތަކަށް ނުހޮވޭ ކުދިން، އެ ކުދިން ވަޒީފާ އަދާކުރަން ޝައުގުވެރިކަން ފާޅު ކުރި ތަންތަނުން ވަނީ ވަޒީފާ ހަމަޖައްސައިދީފައި ކަމަށެވެ.
އެގޮތުން 171 ކުދިން އެމްއެންޑީއެފް އަށް، ހަތް ކުދިން އެމްއެންޑީއެފް އޮގްޒިލަރީ ފަޔަރމަނުން ނަށް، 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިޔުރިޓީ ކޮމާންޑް އަށް،އަދި 23 ކުދީން މޯލްޑިވްސް ޕޮލިސް ސަވިސަށް، 5 ކުދިން މޯލްޑިވްސް އިމިގްރޭޝަނަށް، އަދި ތިން ކުދިން އެމްއޭސީއެލް އަށް ވަޒީފާ ވަނީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި 38 ކުދިން ބޭނުންވީ ޕްރައިވެސް ސެކްޓަރުގައި މަސައްކަތް ކުރަން ކަމުން އެ ކުދީންނަށް މިހާރު ވާނީ އެ ފުރުސަތު ދީ ރިލީސް ކޮށްފައި ކަމަށް ވެސް ރައީސ ްވިދާޅުވިއެވެ.
މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހްލާގް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.


