ސްމާޓް ކްލާސްތަކާއެކު މަޖީދިއްޔާ ސްކޫލް އިމާރާތް އެޅުމަށް، ދަރުމަވަންތަ ބައު އިމާރާތް ތަޅާލައިފި
10 ފެބްރުއަރީ 2026 - 07:15

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލައިފިއެވެ.
މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލާފައިވާއިރު އެތަނުގެ އިންޖިނިއަރިންގ މަސައްކަތްތަކާއި ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ތައުލީމާއި ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ. އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަތް އޮތް ދެ މަހެއްހާ ދުވަހުގެތެރޭގައި ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation


