އުމްރާނީ ތަރައްގީއަށްވުރެ ބޮޑަށް، ޗައިނާ-ރާއްޖެ ގުޅުމުގެ އަސްލު ބިންގަލަކީ ރައްޔިތުންގެ މެދުގައިވާ ގާތްކަން: ޗައިނާ ސަފީރު
13 ފެބްރުއަރީ 2026 - 05:44

އުމްރާނީ ތަރައްގީއަށްވުރެ ބޮޑަށް، ޗައިނާ-ރާއްޖެ ގުޅުމުގެ އަސްލު ބިންގަލަކީ ރައްޔިތުންގެ މެދުގައިވާ ގާތްކަން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިފަދައިން ވިދާޅުވީ، ޗައިނާގެ އާ އަހަރާ ދިމާކޮށް ބާއްވާ "ސްޕްރިންގް ފެސްޓިވަލް" އަދި "އިޔާ އޮފް ދަ ހޯސް" ގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ސަފީރުބކޮންގް ޝިއަންހުއާގެ ވާހަކައިގައި ވަނީ، ޗައިނާގެ އިޤްތިޞާދު ހުޅުވާލެވިފައިވާ މިންވަރާއި، އެ ޤައުމުން ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ސަފީރު ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ ޖީޑީޕީ 20 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައި، އަހަރަކު ފަސް އިންސައްތައިގެ ކުރިއެރުމެއް ހޯދަމުން ދިއުމަކީ ދުނިޔޭގެ އިޤްތިޞާދީ ހަމަޖެހުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އަދި ޗައިނާގެ ފެންވަރު ރަނގަޅު ތަރައްޤީގެ ނަފާ އެހެން ޤައުމުތަކަށް ލިބި، އިންސާނިއްޔަތަށް ސުލްހައާއި ކުރިއެރުން ގެނުވައިދޭނެކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކައިގައި ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވެފައިވާ މިންވަރު ފާހަގަކުރައްވައި ވިދާޅުވީ، ޗައިނާގެ 15 ވަނަ ފަސް އަހަރުގެ ޕްލޭނާއި ދިވެހިރާއްޖޭގެ "ރެޒިލިއަންޓް މޯލްޑިވްސް 2045″ ގެ ތަސައްވުރާ ދެމެދު ވަރަށް ބޮޑު އެއްގޮތްކަމެއް އެބަހުރި ކަމަށެވެ. މިއީ ދެ ގައުމުގެ ލީޑަރުންގެ މެދުގައި އޮތް ސިޔާސީ އިތުބާރުގެ ނަތީޖާކަމަށާއި، މި ދެ ޕްލޭންވެސް ބިނާވެފައިވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންކަން ކަމަށް ސަފީރު ވިދާޅުވިއެވެ.
މި ގުޅުމުގެ އަމަލީ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވެ، ސަފީރު ވިދާޅުވީ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެ-ވިލިމާލެ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަންކަން ކަމުގައެވެ.
މީގެ އިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި، މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓުގެ ގޮތުގައި ދެމިއޮތްކަން ސަފީރު ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު އެކަނިވެސް ޗައިނާގެ 320،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
ސަފީރު ކޮންގް ވިދާޅުވީ، ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ވެފައިވާ ވަޢުދުތައް ފުއްދައި، ކަނޑައަޅާފައިވާ ތަސައްވުރާ އެއްގޮތަށް ކަންކަން ނިންމުމަށް ކަމަށެވެ. އަދި އުމްރާނީ ތަރައްގީއަށްވުރެ ބޮޑަށް، ދެ ޤައުމުގެ ގުޅުމުގެ އަސްލު ބިންގަލަކީ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަން ކަމަށާއި، ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ދިވެހި ކުޑަކުދިންގެ ފަރާތުން ފެނުނު ހިނިތުންވުމަކީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާކަމުގައި ސަފީރު ސިފަކުރެއްވިއެވެ.


