ގައިދީންގެ ބޮލާއި ތުނބުޅި ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި


08 އޮކްޓޯބަރު 2024 - 11:14
ޖަލުގައި ތިބޭ ގައިދީންނަށް މަޖުބޫރުކޮށްގެން ބޮލައި ތުނބުޅި އަދި މަތިމަސް ބޭލުން ހިމެނޭގޮތައް ހަދާފައިވާ އުސޫލުތައް އިސްލާހުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހުށަހަޅައިފި އެވެ.
އެޗްއާރްސީއެމުން ގައިދީންގެ ބޯކޮށުމާ ގުޅޭ ގަވައިދުތަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވަނީ ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދުގެ 8 ވަނަ މާއްދާ އުނިކުރުމާއި، އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމަކީ ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ އިހުތިޔާރީ ކަމަކަށް ހެދުން ހިމެނެ އެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުހުމަކާ ނުލާ ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަން ކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.
ގައިދީންގެ ބޯކޮށުމާއި ތުނބުޅި މަތިމަސް ބޭލުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ، އެކަން އަހްލާގީ ކަމަކަށް ނުގުޅުވޭނެތީ، ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިިއުމުގާއި ޕެރޯލް ފުރުސަތު ދިނުމުގައި އަހްލާގީ މިންގަނޑުން ބަލައި އެ ކަމަށް ރިއާޔަތްނުކުރުމަށާއި ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށް ޓަކައި މެނުވީ އެއްވެސް ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ ބޮލާއި، ތުނބުޅި މަތިމަސް ނުރުހުމުގައި ގަދަކަމުން، ހެލްތު އޮފިސަރުގެ ލަފާގެ މަތިން ނޫނީ ބާލައިގެން ނުވާނެކަން އުސޫލުތަކުގައި ބަޔާންކުރުން ހިމެނެ އެވެ.