ދަތި ހާލުގައި އުޅޭ ގައިދީންގެ އާއިލާތަކަށް އެހީވަނީ
2 ޖުލައި 2025 - 12:58

ހާލުގައި ދިރިއުޅޭ ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ގައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލަތު ދަށް ޢާއިލާތަކަށް ޒަކާތު ހައުސްއިން ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ވެދެވެން ހުރި އެހީތެރިކަން ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ad by Hajj Corporation
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަަހައްމަލު ކުރާ ފަރާތްތަކަށް އިންޝުއަރެންސް ތައާރަފްކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަން އިއުލާންކުރައްވައި ވިދާޅުވީ، ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް މި މަހުން ފެށިގެން އިންޝުރެންސް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށެވެ.
ފަގީރުންނަށް އިންޝުރެންސް ތަައާރަފްކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ." ވަޒީރު ވިދާޅުވެފައިވެ އެވެ.
ޒަކާތު ހައުސްއަކީ މިހާރުވެސް ދިރިއުޅުމުގެ ހާލަތު ދަށް އެތައް އާއިލާތަކަކަށް ޟަރޫރީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ ސަރުކާރުގެ އިދާރާއެކެވެ. މި އިދާރާގެ އެންމެ މުހިންމު މަޤުޞަދަކީ ޒަކާތުގެ ހައްޤުވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.