ގޭހުގެ މައްސަލަ ހައްލުވެ، ކުރިއާ އެއްގޮތަށް މިހާރު ގޭސް ލިބޭނެ
17 ފެބްރުއަރީ 2026 - 07:08

ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މިފަދައިން ބުނެފައި މިވަނީ، އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ބައެއް ދަތިތައް ކުރިމަތިވެ ކައްކާ ގޭސް ދޫކުރާ މިންވަރު ދަށްކުރުމަށް ފަހުއެވެ. މިމައްސަލަ ދިމާވުމާ ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ، ދުނިޔޭގައިވެސް އަދި ސަރަޙައްދީގޮތުންވެސް ބާޒާރުގައި ގޭހުގެ ސަޕްލައިއަށް ލޮޅުންތަކެއް އަރާފައިވާކަމަށެވެ. އޭގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅިކަމަށް އެސްޓީއޯއިން ބުންޏެވެ.
ނަމަވެސް ގޭހުގެ ސްޓޮކް އިޔާދަކުރެވި، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާފައިވާ ކަމަށް ދައުލަތުގެ މީޑިއާއަށް އެސްޓީއޯއިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. އެސްޓީއޯއިން ވަނީ މިހާރު މިމައްސަލަ ހައްލުކުރެވުމާއެކު ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ ކަމުގެ ޔަޤީންކަންދީފައެވެ.
ރޯދަމަސް ބޯމަތިވެފައި ވާއިރު، އެމަހަކީ އާންމުގޮތެއްގައިވެސް ކައްކާ ގޭހަށް އޮންނަ ޑިމާންޑު އިތުރުވާ މަހެކެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުގައި މެދުނުކެނޑި ގޭސްލިބޭނެ މަގުތައް ފަހިކުރުމަށް ކޮންމެ އަހަރެއްގެ މިދުވަސްވަރުވެސް އެސްޓީއޯއިން މަސައްކަތްކުރާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިއާއެކު މިއަހަރުގެ ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.
ކައްކާ ގޭސް ދަތިތަކެއް ނުވެ ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާއިރު، ރާއްޖެ އެތެރެކުރާ އަސާސީ ކާބޯތަކެތިވެސް ރޯދަމަހުގެ ތެރޭގައި ހެޔޮ އަގެއްގައި ލިބޭނެ ކަމުގެ ޔަޤީންކަންވެސް އެކުންފުނިން ދީފައިވެއެވެ.


