ދެ އިންތިހާބު އެއްކޮށްލާ ވޯޓާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
18 ފެބްރުއަރީ 2026 - 05:22

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ ދައުރު ގުނާނެ ގޮތް ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތައް ރައީސް، ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ބާއްވާ އާންމު ވޯޓު ނެގުމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހެވެ.

Ad by Hajj Corporation
އީސީން ބުނިގޮތުގައި، ހަމަ އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026" އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށް ގާއިމު ކުރެވިފައިވާ "ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަށް އެ ވޯޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މިގޮތުން އާންމު ވޯޓު ނެގުމާ ގުޅޭ ގޮތުން، ޝަކުވާ ހުށަހަޅަންވާނީ އެކަމަށް އީސީން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.
ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 13:30 އަށެވެ. ހުކުރު ދުވަހު ރޭގަނޑު 21:00 އިން ހަވީރު 23:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:30 އިން 12:30 އަށެވެ.
ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ވެރިކަން ހިންގުމުގެ ނިޒާމަށާއި އިންތިހާބުތަކާ ގުޅުންހުރި މުހިންމު ބަދަލުތަކެއް ގާނޫނުއަސާސީއަށް ގެންނަނަމަ، އެ އިސްލާހެއް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނެގުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވެއެވެ.


