ރީ-ރަޖިސްޓްރޭޝަނަށް ބާކީ ދެ ދުވަސް
14 ފެބްރުއަރީ 2026 - 11:21

ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމަށް ދީފައިވާ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ. ނަމަވެސް، މި މުއްދަތު އިތުރުކުރުމާ މެދު ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައިވާކަން ސާފެއް ނުވެއެވެ.

Ad by Hajj Corporation
އީސީން ބުނީ، މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަނި ކަމަށެވެ.
މީގެ އިތުރުން، މަޖިލީސް އިންތިހާބުގައި ރިސޯޓުތަކާއި، ސިނާއީ މަސައްކަތްކުރާ ރަށްރަށާއި، ޖަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކުރި ފަރާތްތަކުގެ ނަން، މިހާރު އޮތް ރަޖިސްޓަރީގައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށްވެސް ކޮމިޝަނުން ފާހަގަކުރެއެވެ.
އެހެންކަމުން އެފަދަ ފަރާތްތަކުން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާނަމަ އަލުން ރީ-ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސް.އެމްއެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ.
އަދި، ކޮމިޝަނުގެއޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަންޖެހޭނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ވީހާވެސް އަވަހަކަށް ރަޖިސްޓަރީގެ މައުލޫމާތު ޗެކްކޮށް، ރީ-ރަޖިސްޓަރީވާންޖެހޭ ފަރާތްތަކުން އެކަން ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއެވެ.


