ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
12 ފެބްރުއަރީ 2026 - 11:36

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ބާއްވައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޓޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ މިއަދު 10:00ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައެވެ.
މާލެ ސިޓީގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުނެގުން ބާއްވާފައިވަނީ މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށްގެންދަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދިޔައީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައެޅި ތަންތަނުގައެވެ.
މިއަދު ގުރުއަތުލުން ބާއްވާފައި ނުވަނީ އެންމެ 2 ރަށުގައެވެ. އެއީ މާލެ އަތޮޅު ތުލުސްދޫއާއި ގުރައިދޫގައެވެ. އެ ދެރަށުގައި ކައުންސިލްތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައި ނުވަނީ އެދެރަށުގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅި ނަމަވެސް 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާއެކު މިއަދަދުވަނީ 2927އަށް މަދުވެފައެވެ.
ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

Ad by Hajj Corporation


