ފަށަން 70، ރައްޔިތުންގެ ވަރުގަދަ މެސެޖެއް!
20 ފެބްރުއަރީ 2026 - 02:58

4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގެ ރަސްމީ ވޯޓުލުމަކާ ނުލައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެ، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުލުމުގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ މަރުޙަލާ ނިމުނުއިރު، ޕީއެންސީން ވަނީ ޖުމްލަ 70 ގޮނޑި އިންތިޚާބަކާ ނުލައި ކަށަވަރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން 15 ފެބްރުއަރީ 2026 ގައި އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އެންމެ ފުރަތަމަ ޕީއެންސީއަށް ކަށަވަރުވެފައިވަނީ 69 ގޮނޑިއެވެ. ނަމަވެސް، 19 ފެބްރުއަރީގައި ކ. ގުރައިދޫ ކައުންސިލްގެ ގޮނޑިވެސް އެ ޕާޓީއަށް ކަށަވަރުވުމާއެކު، މި ޢަދަދު މިވަނީ 70 އަށް އުފުލިފައެވެ. މިއާ ޚިލާފަށް އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލައި ކަށަވަރު ކުރެވުނީ އެންމެ 6 ގޮނޑިއެވެ. ފާހަގަކޮށްލެވޭ ކަމަކީ އެމްޑީޕީއަށް ލިބުނު ގޮނޑިތަކަކީ އާބާދީގެ ގޮތުން ކުދި ރަށްރަށުގެ ގޮނޑިތަކަށް ވީއިރު، ޕީއެންސީން ވަނީ ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation
ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިތައް: ޕީއެންސީގެ ބޮޑު ކުރިއެރުމެއް
ޕީއެންސީން ކަށަވަރުކުރި ގޮނޑިތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގިނަ ގޮނޑިތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހއ. އުތީމު، ހއ. ބާރަށް، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އދ. ދިއްދޫ، ލ. މުންޑޫ އަދި ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ހިމެނެއެވެ. އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލައި ކައުންސިލް ރައީސެއްގެ ގޮނޑި ކަށަވަރުވީ ހަމައެކަނި އއ. ބޮޑުފުޅަދޫންއެކަންޏެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރުވެސް ޕީއެންސީން ވަނީ އާދަޔާޚިލާފު ކާމިޔާބީއެއް ހޯދާފައެވެ. ހއ. ތުރާކުނު، އުލިގަން، ވަށަފަރު، އުތީމު، ހދ. ނޭކުރެންދޫ، ށ. ކަނޑިތީމު، ނ. ފޮއްދޫ، ރ. އުނގޫފާރު، މާކުރަތު، ކިނޮޅަސް، ބ. ފެހެންދޫ، ޅ. ހިންނަވަރު، ކ. ގާފަރު، އއ. ހިމަންދޫ، އދ. މަހިބަދޫ، މަންދޫ، ވ. ތިނަދޫ، ފެލިދޫ، ކެޔޮދޫ، މ. މުލައް، ތ. ވިލުފުށި، ގުރައިދޫ، ލ. މުންޑޫ އަދި ގއ. ކަނޑުހުޅުދޫގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސްކަން ޕީއެންސީއަށް ވަނީ ކަށަވަރުވެފައެވެ.
މީގެ އިތުރުން ކައުންސިލް މެމްބަރުންނާއި ޑަބްލިޔުޑީސީގެ ގިނަ ގޮނޑިތަކެއް ޕީއެންސީ ވަނީ ކަށަވަރުކޮށްފައެެވެ.
ރައްޔިތުންގެ އިތުބާރާއި ސާފު މެސެޖު
ރާއްޖޭގެ އިންތިޚާބީ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް ސަރުކާރު ހިންގާ ޕާޓީއަކަށް ވޯޓަކާ ނުލައި މިހާ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކަށާއި، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރު ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން ހިމެނޭހެން ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބު ކުރާނެއެވެ. ހަމައެއާއެކު އަންހެނުންގެ ކޮމިޓީތަކަށްވެސް 678 ކެންޑިޑޭޓުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީވެސް ޕީއެންސީގެ ފަރާތުންނެވެ. އެއީ ޖުމްލަ 665 ކެންޑިޑޭޓުންނެވެ. ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުންގެ ޢަދަދުން ވެސް ރައްޔިތުންގެ އިތުބާރު އެ ޕާޓީއަށް ބޮޑުވެފައިވާ މިންވަރު ދޭހަކޮށްދެއެވެ.
އިދިކޮޅަށް ތާއީދެއްނެތް ކަމުގެ މެސެޖު
ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކަށް ވާދަކުރާނެ ކެންޑިޑޭޓަކުވެސް އިދިކޮޅު ޕާޓީތަކަށް ނުދެއްކުމަކީ، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައްޔިތުން ބަލައިނުގަންނަކަމުގެ ސާފު ނިޝާނެކެވެ. މިއީ އިދިކޮޅު އެމްޑީޕީއާ މެދު ރައްޔިތުން މާޔޫސްވެފައިވާ މިންވަރު ހާމަވާ ކަމެކެވެ.
މި ނަތީޖާ އިން ފެށުމަށް ވެސް ސަރުކާރަށް ރައްޔިތުން ދިން 70 ގޮނޑިއާއެކު، ރައްޔިތުންގެ އިތުބާރާއި ތާއީދު ދައްކުވައިދެއެވެ. އަދި އިދިކޮޅު އެމްޑީޕީގެ ތާއީދު ވަރަށްބޮޑަށް ދަށްވެ، އެމްޑީޕީ އަށް ރައްޔިތުންގެ އިތުބާރާއި އުއްމީދު ގެއްލިފައިވާކަމުގެ ސާފު މެސެޖުވެސް ލިބިގެން ދެއެވެ.
ރިޔާސީ އިންތިޚާބަށްވެސް ދެވުނު ސާފު މެސެޖެއް
މި ނަތީޖާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްވެސް ދެވުނު ސާފު މެސެޖެކެވެ. އިންތިޚާބު ފެށުމުގެ ކުރިން ސަރުކާރަށް 70 ގޮނޑި ލިބުމަކީ، ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް މަޤްބޫލުކަން ދައްކުވައިދޭ، އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ ސިޔާސަތުތަކާއެކު ކުރިއަށް ދިއުމަށް ރައްޔިތުން ބޭނުންވާކަން ހާމަވާ ވަރުގަދަ "މެސެޖެކެވެ".


