ވައްކަން ކުރުމަށްފަހު ރޯދަ މަހު ދުވާލު ކާން އިން ދިވެއްސެއް ހައްޔަރަށް
22 ފެބްރުއަރީ 2026 - 07:27

އޭސީއެއް ވަގަށް ނެގުމަށްފަހު ރޯދަ މަހުގެ ދުވާލު ކާން އިން ދިވެއްސަކު ދިވެހި ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްވަނީ އަބްދުﷲ ޝަރީފް ( 48އ) އެވެ. އޭނާ މައްޗަށް ކުރަނީ ވައްކަން ކުރުމުގެ ތުހުމަތެވެ.

Ad by Hajj Corporation
އަބްދުﷲ ޝަރީފްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އަމުރުގައި ކޯޓުން ބުނެފަިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސް ތެރެއަށް ވަދެ ވައްކަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ އިމާރާތުގެ ކެމެރާ ޑައިރެކްޝަން ބަދަލުކޮށްފައިވާ ބެލެވޭ ކަމަށް ވެސް އަމުރުގައި ވެއެވެ.
އަދި ފުލުހުންނަށް އޭނާ ފެނުނުއިރު އިނީ ރޯދަ މަހު ދުވާލު ވަގުތުގައި ކާން ކަމަށާއި އޭނާ ކައިރީގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި ރޫޅާލަން ބޭނުންކުރާ ޓޫލްސް ފެނިފައިވާ ކަމަށް ވެސް ބުނެފަިވެއެވެ.
އޭނާއާ ސީންގައި ސުވާލުކުރުމުން ފުރަތަމަ ބުނެފައިވަނީ އޭނާ ވަރުބަލިވެގެން އަރާމުކޮށްލަން އެތަނަށް ވަނީކަމަށާއި ފަހުން ބުނެފައިވަނީ އޭނާއާ އިތުރު ދެ މީހަކު ވެގެން ވައްކަންކުރީ ކަމަށްށެވެ.އަދި ބައިވެރިވި ދެ މީހުން އެތަނުން ފިލާފައިވާ ކަމަށެވެ.
ޝަރީއަތުގައި ތުހުމަތަށް އިންކާރުކޮށް ތަކުރާރުކޮށް ބުނެފައިވަނީ އެތަނަށް ވަނީ ވަރުބަލިވެގެން ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
އިތުރު ބަޔާނެއްގައި ކޯޓުން ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާއި ހައްޔަރު/ ބަންދު އިންތިހާއަށް ގިނަކަމުން އޭނާއަށް ޝަރީއަތުން ނަސޭހަތްތެރިވުމުން އޭނާ ދިރިއުޅޭނެ އެއްވެސް ބޯހިޔާވެހިކަމެއް ނެތްކަމަށާއި ވަޒީފާއެއް ނެތްކަމާއި ނިދަނީ ވެސް މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމަށް ބުނެފައިވާ ކަމަށެވެ.
މައްސަލައިގެ އައިއޯ ފާހަގަކުރާގޮތުގައި މީގެ ކުރިން ވެސް އުފަން ރަށަށް ބަދަލުވުމަށް އޭނާ އެދިގެން އެ ފުރުސަތު ފަހިކޮށްދިނެވެ. އޭނާ ބުނީ ރަށަށް ބަދަލު ނުވެވުނީ ޖޯއްޔެއްގައި ނިދާފައި އޮއްވައި ޖީބު ކީހާލައިގެން ފައިސާއާއި ފޯނު ވަގަށް ނަގާފައިވާތީ ކަމަށެވެ.
އަމުރުގައި ވާ ގޮތުން އޭނާގެ ހާލަތަށް ރިއާޔަތްކޮށް ފުލުހުންގެ އިންތިޒާމްތަކުގެ ތެރެއިން އޭނާ ބަންދުގައި ބަހައްޓާތަން އުފަން ރަށް ހިމެނޭތަނަކަށް ބަދަލުކުރެވިއްޖެނަމަ އެކަން ހާސިލްވާނެކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.


