އަމާން އުދަރެސް ފްލެޓެއް ކުއްޔަށް ދިނުމުން 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި
24 ފެބްރުއަރީ 2026 - 10:04
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 'އަމާން އުދަރެސް' ފްލެޓެއްގެ ދެ ކޮޓަރި، ބިދޭސީންގެ ލޭބާ ކުއާޓާއެއްގެ ގޮތަށް ކުއްޔަށް ދޫކުރި މައްސަލައެއްގައި އެ ފްލެޓުގެ ވެރިފަރާތް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި ފްލެޓް ކުއްޔަށް ދީފައިވަނީ ނޭޕާލް ބަޔަކަށެވެ.

Ad by Hajj Corporation
ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އަގު އެއްކޮށް ހަލާސްކޮށް މިލްކުވުމުގެ ކުރިން އެހެން ބަޔަކަށް ކުއްޔަށް ދޫކުރުމަކީ އެއްބަސްވުމުގެ ދަށުން މަނާކަމެކެވެ.
އެފްޑީސީން ބުނި ގޮތުގައި މި މައްސަލަ ފެންމަތިވުމާ ގުޅިގެން ޖޫރިމަނާ ކުރުމުގެ އިތުރުން، 10 ދުވަސް ތެރޭގައި އެތަނުން ބިދޭސީން ހުސްކުރުމަށް ވަނީ އަންގާފައެވެ. މިހާރު އެތަނުގައި ދިރިއުޅެނީ ފްލެޓުގެ ވެރިފަރާތް އެކަނި ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މަހު ކުލީގެ ގޮތުގައި 9,000 ރުފިޔާ ދައްކަންޖެހޭ ފްލެޓުތައް 25,000 ރުފިޔާއަށް ވުރެ ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަތަކާއި، މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް ލިބިފައިވާ ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަތައް އެފްޑީސީން ދަނީ ބަލަމުންނެވެ.
ސޯޝަލް ހައުސިންގެ މަގުސަދާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަތުން ފްލެޓް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިއީ ސޯޝަލް ހައުސިންގް މަޝްރޫއުތަކުގެ ނަފާ ނަހަމަ ގޮތުގައި ހޯދާ ފަރާތްތަކަށް ދެވޭ އިންޒާރެއް ކަމަށްވެސް ބެލެވެއެވެ.


