2025: ފައިދާހުރި ގިނަ މަޝްރޫތަކަކާއެކު ބީއެމްއެލްގެ އެންމެ ކާމިޔާބު އަހަރު!
26 ފެބްރުއަރީ 2026 - 10:53

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 31 ޑިސެންބަރު 2025 އަށް ނިމުނު އަހަރު، ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
ވޭތުވެދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެކެވެ.

Ad by Hajj Corporation
ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބެންކަށް ލިބިފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8% ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 އިތުރުވެފައިވެއެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެކެވެ.
މިދިޔަ އަހަރު ބޭންކުން ހޯދާފައިވަ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކުގެ އެމްޑީ އަދި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން މިދިޔަ އަހަރުގެ ނަތީޖާތަކުން ސާބިތުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން، ބޭންކުން ހޯދާފައި މިވާ ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީހުގައިވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ ބޭންކުގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތް ކަމަށް، ސީއީއޯ އަދި އެމްޑީ ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކައިގައި ވަނީ، މިފަދަ ފުރިހަމަ ނަތީޖާއެއް ނެރުމަށް ބޭންކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށާއި ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވާ އިރުޝާދަށް ޝުކުރުއަދާކުރައްވާ، ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުން ބޭންކަށް ކުރައްވާ އިތުބާރަށްވެސް ޝުކުރުއަދާކުރައްވާފައެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި ބޭންކަށް ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބިއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ގާއިމްކުރުންކަން ބޭންކުން ފާހަގަކުރެއެވެ. މި މަޝްރޫއަށް ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑް މި މަޝްރޫއާ ގުޅިގެން ބީއެމްއެލް އަށް ލިބިފައިވެއެވެ.
ބޭންކުން ފޯރުޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، މިދިޔަ އަހަރު ބޭންކުން ވަނީ ޑިޖިޓަލް ޚިދުމަތްތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ހަލުވިކޮށްފައެވެ. އެގޮތުން އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ ހުރިހާ ޚިދުމަތްތަކެއް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މިހާރު ކުރެވޭނެކަމަށް ބޭންކުން ބުނެއެވެ.
މީގެ އިތުރުން، ބީއެމްއެލް އިން ވަނީ 'ސްވައިޕް' ވޮލެޓް ތައާރަފުކޮށްފައެވެ. މިއީ %100 ދިވެހިން އުފައްދާފައިވާ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދުގެ ކުރިމަގުގައި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދޭނެ، އެކި ބާވަތުގެ ފައިސާ ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓެކެވެ.


