އަވަށްޓެރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އީރާނަށް ދޭ ހަމަލާއެއް ބަލައެއް ނުގަނެވޭނެ: އީރާން
13 މާރިޗު 2026 - 02:28

އަވަށްޓެރި ޤައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އީރާނަށް ދޭ އެއްވެސް ހަމަލާއަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
އީރާނުގެ ރަސްމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއަން މިހެން ވިދާޅުވީ އޮމާންގެ ސުލްޠާން ހައިޘަމް ބިން ޠާރިޤާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދައުލަތުގެ ބްރޯޑްކާސްޓިންގް އިދާރާއިން ހާމަކުރި ގޮތުގައި، މި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތަކާ ގޮތުން ވާހަކަދައްކަވާފައެވެ.

Ad by Hajj Corporation
ރައީސް ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، އީރާނުން އަބަދުވެސް އަވަށްޓެރި ޤައުމުތަކާ އޮންނަ ގުޅުމަށް ބޮޑު އިސްކަމެއް ދެއެވެ. ނަމަވެސް، އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކުން އީރާނަށް ހަމަލާދިނުމާ ދެކޮޅަށް އޭނާ ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. "ސަރަހައްދީ ޤައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އީރާނަށް ދޭ އެއްވެސް ހަމަލާއަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މީނާބަށް ދިން ހަމަލާއަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، މި ރަހުމުކުޑަ ހަނގުރާމައިގެ ފެށުމުގައި މީނާބުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 168 ދަރިވަރުން ޝަހީދުވެފައިވާ ކަމަށެވެ. އަދި އޮމާންގެ ޞަލާލާ ބަނދަރުގައި ހިނގި ހާދިސާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އީރާނުގެ އަސްކަރީ ހަރަކާތްތައް އަމާޒުކުރަނީ ސީދާ އީރާނަށް ހަމަލާދިނުމުގައި ބައިވެރިވާ ތަންތަނަށް އެކަނި ކަމަށާއި، އެ ހާދިސާއާ ގުޅޭގޮތުން ފުރިހަމަ ތަހުގީގެއް ކުރިއަށްގެންދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި 1,300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އޭރުގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީގެ އިތުރުން 150 އަށްވުރެ ގިނަ އަންހެން ދަރިވަރުން ހިމެނެއެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ތެހެރާނުން ވަނީ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލަށާއި، އުރުދުންއަށާއި، ޢިރާޤުގެ އިތުރުން އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި ގަލްފުގެ ބައެއް ޤައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.


