ދައްޖާލު ފާޅުވުމާއި ނިމުން: ކޮންއިރަކު، ކިހިނެއް؟
16 މާރިޗު 2026 - 05:46

ޤިޔާމަތްވުމުގެ ކުރިން ފާޅުވާނެ ކަންތައްތަކަށް (ޤިޔާމަތުގެ ޢަލާމާތްތަކަށް) އީމާންވުމަކީ އިސްލާމީ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަށަވަރުވެގެންވާ ކަންކަމުގެ ތެރެއިންވާ ކަމެކެވެ. ދުނިޔޭގެ އެންމެ ފަހު ޒަމާނުގައި ހިނގާނެ ކަންތައްތަކާ ގުޅޭގޮތުން ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި ގިނަގުނަ ދަލީލުތަކެއް ވާރިދުވެފައިވެއެވެ. މިގޮތުން ހިނގާނެ އެންމެ ބޮޑު އެއް ކަމަކީ މަސީޙުއްދައްޖާލު ފާޅުވުމެވެ. އާދަމުގެފާނު އުފެއްދެވީއްސުރެ ޤިޔާމަތްވުމާ ހަމައަށް އިންސާނުންނަށް ކުރިމަތިވާނެ އެންމެ ބޮޑު ފިތުނައަކީ ދައްޖާލުގެ ފިތުނަ ކަމުގައި ނަބިއްޔާ ﷺ ސިފަކުރައްވާފައިވެއެވެ. ދައްޖާލުގެ ސިފަތަކާއި، އޭނާ ފާޅުވާނެ ގޮތާއި، އަދި އޭނާގެ ނިމުން އަންނާނެ ގޮތުގެ ތަފްސީލުތައް ސުންނަތުގައި ބަޔާންވެގެންވެއެވެ. މީގެ އިތުރުން އެހެން ބައެއް ދީންތަކުގައިވެސް، ތަފްސީލުތައް ތަފާތުވި ނަމަވެސް، މިފަދަ ފަރާތެއް ފާޅުވާނެކަމުގެ ވާހަކަތައް އައިސްފައިވެއެވެ.
ދައްޖާލުގެ މާނަ (ބަހަވީގޮތުންނާއި އިޞްޠިލާޙީގޮތުން)

Ad by Hajj Corporation
ބަހަވީގޮތުން 'ދައްޖާލު' މި ބަސް ނެގިފައިވަނީ 'ދަޖަލް' (الدجل) މި ބަހުންނެވެ. އޭގެ މާނައަކީ ދޮގުހެދުމާއި، ހަގީގަތް އޮޅުވާލުމާއި، ކަންކަން ފޮރުވުމެވެ. އޭނާއަށް ދައްޖާލުގެ ނަމުން ނަންދެވިފައިވަނީ، ބާޠިލު ކަންތައްތަކުގައި ޙައްޤުގެ ސިފަޖައްސައި، އާދަޔާޚިލާފު ކަންތައްތަކެއް ދައްކައިގެންނާއި ދޮގު ދަޢުވާތަކެއް ކޮށްގެން މީސްތަކުން މަގުފުރައްދާތީއެވެ. އޭނާގެ ދޮގުވެރިކަމާއި އޮޅުވާލުން ބޮޑުކަމުން މި ނަން ދެވިފައިވާ ކަމަށް އިބްނު ޙަޖަރު އަލްޢަސްޤަލާނީ އެކަލޭގެފާނުގެ 'ފަތުޙުލް ބާރީ' ފޮތުގައި ބަޔާންކުރައްވާފައިވެއެވެ.
ކީރިތި ޤުރުއާނުގައި ދައްޖާލުގެ ވާހަކަ
ކީރިތި ޤުރުއާނުގައި ދައްޖާލުގެ ނަން ސީދާ ގޮތެއްގައި ބަޔާންވެގެން ނުވެއެވެ. ނަމަވެސް، ފަހުޒަމާނުގައި ހިނގާނެ ބޮޑެތި ކަންތައްތަކާއި ފިތުނަތަކަށް ޤުރުއާނުގައި އިޝާރާތް ކުރައްވާފައިވެއެވެ. އެގޮތުން މާތް الله ވަޙީކުރައްވާފައިވެއެވެ:
﴿يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا﴾ (الأَنْعَام: 158)މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ކާއިނާތުގެ ނިމުމުގެ) ބައެއް ނިޝާންތައް ފާޅުވާ ދުވަހު، (އެ ދުވަހުގެ ކުރިން) އީމާންވެފައި ނުވާ މީހަކަށް، އެމީހާގެ އީމާންކަމަކުން އެއްވެސް މަންފާއެއް ނުކުރާނެއެވެ."
މިފަދަ ބޮޑެތި ފިތުނަތަކުގެ ތަފްސީލުތަކާއި، އޭގެ ތެރޭގައި ހިމެނޭ ދައްޖާލުގެ ފިތުނައިގެ ވާހަކަ ނަބަވީ ސުންނަތުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވެއެވެ.
ނަބަވީ ސުންނަތުގައި ދައްޖާލުގެ ވާހަކަ
ދައްޖާލު ސިފަކޮށްދެއްވައި ރަސޫލުﷲ ﷺ ގެ ކިބައިން ގިނަގުނަ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. އެ ޙަދީޘްތަކުގެ ގިނަކަމުން އެއީ މާނައިގެ ގޮތުން 'މުތަވާތިރު' (އެބަހީ: އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ) ރިވާޔަތްތަކެއް ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. މީގެ ތެރެއިން އެއް ޙަދީޘެއްގައި ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
((مَا بَيْنَ خَلْقِ آدَمَ إِلَى قِيَامِ السَّاعَةِ أَمْرٌ أَعْظَمُ مِنَ الدَّجَّالِ)) (ރިވާކުރެއްވީ މުސްލިމް)މާނައީ: "އާދަމުގެފާނު އުފެއްދެވީއްސުރެ ޤިޔާމަތްވުމާ ހަމައަށް، ދައްޖާލަށްވުރެ ބޮޑުވެގެންވާ ކަމެއް (ފިތުނައެއް) ނުވެއެވެ."
ނަބިއްޔާ ﷺ ބަޔާންކޮށްދެއްވާފައިވާ ދައްޖާލުގެ ސިފަފުޅުތަކުގެ ތެރޭގައި ހިމެނެނީ:
އޭނާއަކީ އެއްލޯ ކަނު މީހެކެވެ.
އޭނާގެ ދެލޯ ދެމެދުގައި "ކާފިރު" (كافر) މި ލަފުޒު ލިޔެވިގެންވެއެވެ.
މީސްތަކުންނަށް އެއީ މުޢުޖިޒާތްތަކެއް ނުވަތަ އާދަޔާޚިލާފު ކަންތައްތަކެއް ކަމަށް ހީވާފަދަ ކަންކަން އޭނާ ދައްކާނެއެވެ. މީގެ ސަބަބުން ގިނަ ބަޔަކު އޭނާގެ ފިތުނައިގައި ޖެހި، މަގުފުރެދިގެންދާނެއެވެ.
ދައްޖާލު ފާޅުވާނެ ވަގުތު
ނަބަވީ ހަދީޘްތަކުން އެނގޭ ގޮތުގައި ދައްޖާލު ފާޅުވާނީ އާޚިރު ޒަމާނުގައި، ބޮޑެތި ފިތުނަތަކާއި ހަލަބޮލިކަން ދުނިޔޭގައި ފެތުރިގެން ދިއުމަށްފަހުގައެވެ. އޭނާ ފާޅުވުމުގެ ކުރިން ފެންނާނެ ބައެއް ނިޝާންތަކުގެ ތެރޭގައި:
- މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އާންމުވުން.
- ޝަރުޢީ އިލްމު މަދުވެ، އޭގެ ބާރު ދެރަވުން.
- އުއްމަތްތަކުގެ މެދުގައި ބޮޑެތި ހަނގުރާމަތަކާއި ކުރިމަތިލުންތައް ހިނގުން.
ޞަޙީޙް މުސްލިމްގައި ރިވާވެގެންވާ ތަމީމުއްދާރީގެ ޙަދީޘުން އެނގޭ ގޮތުގައި، ދައްޖާލު މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް އޭނާ ހުރީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ ފާޅުވުމަށް އިޒުނަދެއްވަންދެން ކަސްތޮޅު އެޅި ބަންދުވެފައެވެ.
ދައްޖާލު ފާޅުވާނެ ތަން
ޙަދީޘްތަކުގައިވާ ގޮތުން އޭނާ ފާޅުވާނީ އިރުމަތީ ފަރާތުންނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ދައްޖާލު ފާޅުވާނީ ޚުރާސާނުގެ ބިމުންނެވެ." (ރިވާކުރެއްވީ ތިރުމިޛީ)
ބޮޑު ހަނގުރާމައިގެ ކުރިން މުސްލިމުންނާއި ނަޞާރާއިންގެ މެދުގައި އޮންނަ ސުލްޙަ
މުސްލިމުންނާއި ރޫމީންނާ (ނަޞާރާއިންނާ) ދެމެދު ވަގުތީ ސުލްޙައެއް އޮންނާނެކަން ނަބަވީ ސުންނަތުން ސާބިތުވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުން ރޫމީންނާއެކު އަމާންކަންމަތީ ސުލްޙަވާނެއެވެ. ދެން ތިޔަބައިމީހުންނާއި އެބައިމީހުން ގުޅިގެން، ތިޔަބައިމީހުންގެ ފަހަތުން އަންނަ ދުޝްމަނަކާ ހަނގުރާމަކޮށް، ނަޞްރުލިބި، ޣަނީމާ މުދާ ހޯދައި، ސަލާމަތްތެރިކަމާއެކު އެނބުރި އަންނާނެއެވެ. އެއަށްފަހު ފެހިކަން ގަދަ އުސްބިމަކަށް (މަރުޖު ޛީ ތުލޫލް) ފޭބުމުން، ރޫމީންގެ މީހަކު ޞަލީބު އުފުލައި 'ޞަލީބު ކުރިހޯދައިފި' އޭ ބުނާނެއެވެ. އެހިނދު މުސްލިމުންގެ މީހަކު ކޯފާވެ، އެ ޞަލީބު މުގުރާލާނެއެވެ. އެއާއެކު ރޫމީން ސުލްޙަ އުވާލައި (ޚިޔާނާތްތެރިވެ)، ބޮޑު ހަނގުރާމައަށް (އަލްމަލްޙަމަތުލް ކުބްރާ) ތައްޔާރުވާނެއެވެ." (ރިވާކުރެއްވީ އަބޫ ދާއޫދު އަދި އިބްނު މާޖާ)
މި ޙަދީޘުން އެނގޭ ގޮތުގައި މި ސުލްޙައަކީ ދާއިމީ ސުލްޙައެއް ނޫނެވެ. އެއީ އުވާލެވޭނެ އެއްބަސްވުމެކެވެ. އަދި އޭގެ ފަހުން "އަލްމަލްޙަމަތުލް ކުބްރާ" ގެ ނަމުން ނަންދެވިފައިވާ ބޮޑު ހަނގުރާމަ ހިނގާނެއެވެ.
ދައްޖާލުގެ ނިމުން
ޙަދީޘްތަކުގައިވާ ގޮތުން، ދައްޖާލު ގަތުލުކުރައްވާނީ އީސާގެފާނު ބިމަށް ފައިބައިވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުންނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ދެން 'ލުއްދު' ގެ ދޮރުމަތިން އީސާގެފާނަށް އޭނާ (ދައްޖާލު) ފެނިވަޑައިގަންނަވާނެއެވެ. އަދި އެކަލޭގެފާނު އޭނާ ގަތުލުކުރައްވާނެއެވެ." (ރިވާކުރެއްވީ މުސްލިމް)
ފަހުޒަމާނުގައި ޔަހޫދީންނާ ދެކޮޅަށް ކުރެވޭ ހަނގުރާމަ
ނަބަވީ ސުންނަތުން ސާބިތުވާ ގޮތުގައި، ފަހު ޒަމާނުގައި މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ބޮޑު ހަނގުރާމައެއް ހިނގާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"މުސްލިމުން ޔަހޫދީންނާ ހަނގުރާމަކޮށް، މުސްލިމުން އެބައިމީހުން قتل ކުރަންދެން ގިޔާމަތް ގާއިމެއް ނުވާނެއެވެ. އެ ހިނދު ޔަހޫދީ މީހާ ހިލައެއްގެ ނުވަތަ ގަހެއްގެ ފަހަތުގައި ފިލާ އޮންނާނެއެވެ. ދެން އެ ހިލަ ނުވަތަ ގަސް ބުނާނެއެވެ: އޭ މުސްލިމް އަޅާއެވެ! އޭ ﷲގެ އަޅާއެވެ! މިހުރީ މަގޭ ފަހަތުގައި ޔަހޫދީއެކެވެ. އައިސް އޭނާ قتل ކުރާށެވެ. އެހެނަސް 'ޣަރްޤަދު' ގަސް މެނުވީއެވެ. އެއީ ޔަހޫދީންގެ ގަހެކެވެ." (ބުޚާރީ އަދި މުސްލިމް)
ޢިލްމުވެރިން މި ޙަދީޘް މާނަކުރައްވާ ގޮތުގައި، މިއީ ގިޔާމަތްވުމުގެ ކުރިން ފާޅުވާނެ ބޮޑެތި ފިތުނަތަކުގެ ތެރެއިން ފަހު ޒަމާނުގައި ހިނގާނެ ކަމެކެވެ.
އިސްލާމީ ނައްޞުތަކުގައިވާ ގޮތުން ފަހު ޒަމާނުގެ ކަންތައްތައް ތަރުތީބުވެގެންވާ ގޮތް
އިބްނު ކަޘީރު އަދި ގުރުޠުބީ ފަދަ ޢިލްމުވެރިން، އާޚިރުޒަމާނުގައި ކަންތައްތައް ހިނގާނެ ކަމަށް ބެލެވޭ ތަރުތީބެއް ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ދުނިޔޭގައި ފިތުނަފަސާދައާއި ހަލަބޮލިކަން އާންމުވުން.
- އަލްމަހްދީގެފާނު ފާޅުވުން (ބައެއް ޢިލްމުވެރިންގެ އަރިހުގައި).
- މުސްލިމުންނާއި ރޫމީންނާ ދެމެދު ސުލްހަވެރި އެއްބަސްވުމެއް ގާއިމުވުން.
- އެއްބަސްވުން އުވާލުމާއި، 'އަލްމަލްޙަމަތުލް ކުބްރާ' (ބޮޑު ހަނގުރާމަ) ހިނގުން.
- މަސީޙުއްދައްޖާލު ފާޅުވުން.
- ޢީސާގެފާނު (ޢީސާ ބިން މަރްޔަމް عليه السلام) ބިމަށް ފައިބާވަޑައިގަތުން.
- ދައްޖާލު قتل ކުރެއްވުމާއި، ޙައްޤަށް ނަޞްރު ލިބުން.
އެހެން ދީންތަކުގެ ތަޞައްވުރު
މަސީހީ ދީނުގައި 'Antichrist' ނުވަތަ ދޮގު މަސީޙެއްގެ ވާހަކަ އައިސްފައިވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ދުނިޔެ ނިމުމުގެ ކުރިން އޭނާ ފާޅުވެ، މީސްތަކުން މަގުފުރައްދާނެއެވެ.
ޔަހޫދީ ދީނުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ 'Messiah' (މަސީޙުލް މުންތަޒަރު) އަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އޭނާ އައިސް ޔަހޫދީންގެ ރަސްކަން އަލުން ގާއިމުކޮށް، އެބައިމީހުން އެއްކުރާނެއެވެ.
ނިންމުން
އިސްލާމީ ނައްޞުތަކުން އެނގޭ ގޮތުގައި، މަސީޙުއްދައްޖާލު ފާޅުވުމަކީ ގިޔާމަތުގެ އެންމެ ބޮޑު އެއް ނިޝާނެވެ. އަދި އޭނާގެ ފިތުނަވެރިކަން މީސްތަކުންގެ މައްޗަށް ނުހަނު ގަދަފަދަވާނެއެވެ. ހަމައެހެންމެ، މި ކަންތައްތަކުގެ ކުރިން ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެކި ކަހަލަ އިއްތިހާދުތަކާއި ކުރިމަތިލުންތައް ހިނގާނެކަމަށް ޙަދީޘްތަކުން އިޝާރާތް ކުރެއެވެ. މުސްލިމުން އީމާންވަނީ މި ފިތުނަތަކުގެ ނިމުން އަންނާނީ ޢީސާގެފާނު ފައިބާވަޑައިގެން ދައްޖާލު قتل ކުރެއްވުމުން ކަމަށާއި، އެންމެ ފަހުން ޙައްޤަށް ފަތަހައާއި ނަޞްރު ލިބޭނެ ކަމަށެވެ.
ލިޔުއްވީ: ޝައިޚް މުޙައްމަދު މަންޞޫރު އާދަމް


