ފަހަތުން އަރައި ފަސްގޯލު ޖަހައި ބޯޑޯ ކަޓުވާލައި ސްޕޯޓިންގ ކުއާޓަރ ފައިނަލަށް
18 މާރިޗު 2026 - 04:17

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރަފައެލް ނެލް ކާމިޔާބުކޮށްދިން ލަނޑާއެކު، ސްޕޯޓިން ސީޕީން ބޯޑޯ/ގްލިމްޓްގެ މައްޗަށް 5-0 އިން ކުރިހޯދައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗާއެކު ސްޕޯޓިންއަށް ކުރިލިބުނީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ފުރަތަމަ ލެގުގައި 3-0 އިން ބޯޑޯ މޮޅުވެފައި އޮތުމުން އެ ޓީމަށް ބޮޑު އެޑްވާންޓޭޖެއް އޮތް ނަމަވެސް، އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި ކުޅުނު މި މެޗުގައި އެ ޓީމަށް މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއް ނުވިއެވެ. ސްޕޯޓިންއިން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ޓްރިންކާއޯ ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޮންސާލޯ އިނާސިއޯ ވަނީ ސްޕޯޓިންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ހާފުގައި ސްޕޯޓިންއިން ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. 61 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޕޯޓޭ ވަނީ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ފަހުން ބޯޑޯގެ ފްރެޑްރިކް ބްޖޯކަން އަތުގައި ބޯޅަ ޖެހުމުން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއަކުން ސުއަރޭޒް ވަނީ ތިންވަނަ ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ 83 ސިކުންތުގެ ތެރޭގައި މެކްސީ އަރައުޖޯ ވަނީ ލަނޑެއް ޖަހައި ސްޕޯޓިންއަށް ފުރަތަމަ ފަހަރަށް އެގްރިގޭޓުން ކުރިހޯދައިދީފައެވެ. އަދި މެޗުގެ 121 ވަނަ މިނެޓުގައި ރަފައެލް ނެލް ވަނީ ސްޕޯޓިންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށް މޮޅު ކަށަވަރުކޮށްދީފައެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ސްޕޯޓިންއިން ތިން ލަނޑުގެ ޑެފިސިޓެއް ފަހަތުން އަރައި މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 38 ހަމަލާ އުފައްދާފައެވެ. މިއީ 2003-04 ވަނަ އަހަރަށްފަހު ޕޯޗުގަލްގެ ޓީމަކުން މި މުބާރާތުގެ މެޗެއްގައި އުފެއްދި ދެވަނައަށް އެންމެ ގިނަ ހަމަލާއެވެ.
މި މެޗަކީ ސްޕޯޓިންގެ ސަޕޯޓަރުންނަށް ހަނދާނުން ފޮހެލަން ދަތި މޮޅަކަށް ވާއިރު، މިއީ ޒުވާން ކުޅުންތެރިޔާ ރަފައެލް ނެލްގެ ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުވެސްމެއެވެ.


