ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ
18 މާރިޗު 2026 - 05:20

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ ކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން ބުނީ ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެގޮތުން ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި ކަމަށް ބުނެފައިވެއެވެ.

Ad by Hajj Corporation
އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.
ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންވެ، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދިނުމަށް ވަނީ އެދިފައެވެ. އަދި ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އަދި މި ނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި އެވަގުތަކު ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއް ހުރި ރަށަކަށް ދާންޖެހޭނަމަ ނުވަތަ ހެކިބަސް އަދާކުރުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ މީހެއްގެ އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޚާއްސަ ޖަލްސާއެއްވެސް ބާއްވާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަސް ވާނީ، މި މަހުގެ 20 ވަނަ ދުވަހަށެވެ.


