އަޤްޞާ މިސްކިތް ބަންދުކޮށްފައިހުރުމުން ޢީދު ނަމާދު ނުކުރެވުނު!
20 މާރިޗު 2026 - 04:39

މަސްޖިދުލް އަޤްޞާގައި ފިޠުރު ޢީދު ނަމާދުކުރަން އިސްރާއީލުގެ ޔަހޫދީން ހުރަސްއަޅައިފިއެވެ.
އެ މިސްކިތުގެ ތާރީޚުގައި ދުވަހަކުވެސް ފެނިފައިނުވާ ފަދަ ގޮތަކަށް، އަލްއަޤްޞާ މިސްކިތް މުޅިން ބަންދުކޮށްފައި އޮންނާތާ މިއަދަށް މީ 20 ވަނަ ދުވަހެވެ.

Ad by Hajj Corporation
މީގެ ސަބަބުން ޢީދު ނަމާދު ކުރުމަށް މިސްކިތަށް ވަނުމަށް އުންމީދު ކުރި އެތައް ހާސް ބަޔަކަށް ވަނީ އެ ފުރުޞަތު ގެއްލިފައެވެ. މިސްކިތް ބަންދުކުރުމާއެކު އަސްކަރީ ގޮތުން ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާއިރު، މިއީ އެ މިސްކިތުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އައު އުސޫލުތަކެއް ކަނޑައެޅުމަށް ކުރާ ކަމެއް ކަމުގެ އިންޒާރުތައް ވަނީ ލިބިފައެވެ.
އަލް މަސްޖިދުލް އަޤުޞާއަށް އެހެން މިސްކިތްތަކުގެ މައްޗަށް މާތްކަން ލިބިގެންވެއެވެ. ފަހެ އެންމެހާ މިސްކިތްތަކުގެ ތެރެއިން އެންމެ މާތް މިސްކިތަކީ މަސްޖިދުލް ޙަރާމްއެވެ. އެއަށްފަހު މަސްޖިދުއް ނަބަވީއެވެ. އެއަށް ފަހު މަސްޖިދުލް އަޤުޞާއެވެ.
މި ތިންމިސްކިތަކީ އެ މިސްކިތްތަކުގައި އަޅުކަންކުރުމަށްޓަކައި ދަތުރުކުރުން ޝަރުޢުކުރެއްވި ތިން މިސްކިތެވެ.
ރަމަޟާންމަހު އަޤްޞާ މިސްކިތަށް ދާ މީހުންނަށް މިސްކިތައް ނުވަދެވޭ ގޮތަށް މިސްކިތުގެ ދޮރުތައް ބަންދުކުރަމުންދާ ދިއުން ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާކަމުގައިވާ އަޤްޞާ މިސްކިތައް ވަނުން ހަނިކުރުމަކީ، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
މިއީ އަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، ދީނީ މުހިންމުކަމަށް އުނިކަން ލިބޭގޮތަށް ގަސްތުގައި ހިންގާ ޢުދުވާނީ އަމަލެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ މައްޗަށް އޮތް 'ސްޓޭޓަސް ކޯ' ނުވަތަ މިހާރު އޮތް ޙާލަތަށް ބޯނުލަނބާ، އިންސާނީ ޙައްޤުތަކަށް އަރައިގަންނަ އަރައިގަތުންތަކަށް ޔަހޫދީ ދައުލަތް ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.
ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މަސްޖިދުލްއަޤްޞާއަކީ އަބަދުވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް ފަލަސްޠީނުގެ ރައްޔިތުން އަޅުކަމުގައި ބޭނުންކުރަމުންދާ މިސްކިތެކެވެ. ނަމަވެސް އެތަނަށް ދާ މީހުންނާއި މެދު އަނިޔާވެރިވެ އެތަނަށް ވަނަ ނުދީ އެކި ދުވަސްވަރުމަތިން ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ. އޭގެ ތެރެއިން މިނިމިދިޔަ ރަމަޟާން މަހުވެސް އެކަންތައް ވަނީ އިތުރުކޮށްފައެވެ.


