ސީޒަނުގެ އެންމެ ވަރުގަދަ މެޗުތަކާ ދިމާކޮށް ބާސާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރަފީނިޔާއަށް އަނިޔާވެއްޖެ
28 މާރިޗު 2026 - 03:59
.png&w=3840&q=75)
ބާސެލޯނާގެ ބްރެޒިލް ވިންގަރ ރަފީނިއާގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރިއަށް އޮތް ފަސް ހަފުތާގައި އޭނާއަށް ނުކުޅެވޭނެކަން އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ.
ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރެޒިލްއާއި ފްރާންސް ބޮސްޓަންގައި ބައްދަލުކުރި މެޗުގައި ރަފީނިއާއަށް އިހުސާސްވި އުނދަގޫތަކާ ގުޅިގެން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ހެދި މެޑިކަލް ޓެސްޓުތަކުން އޭނާގެ ކަނާތު ފައިގެ ހެމްސްޓްރިންގަށް އަނިޔާވެފައިވާކަން އެނގިފައިވާ ކަމަށެވެ. "ކުޅުންތެރިޔާ މިހާރު އެނބުރި ބާސެލޯނާއަށް އަންނަނީ ފަރުވާ ފެށުމަށް. އޭނާ ރަނގަޅުވާން ގާތްގަނޑަކަށް ފަސް ހަފުތާ ނަގާނެ ކަމަށް ބެލެވޭ،" ކްލަބުގެ ބަޔާނުގައިވެއެވެ.

Ad by Hajj Corporation
މި އަނިޔާގެ ސަބަބުން ބާސެލޯނާއަށް ކުރިއަށް އޮތް މުހިންމު ހަތް މެޗެއް ރަފީނިއާއަށް ގެއްލޭނެއެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ ދެ ލެގުގެ މެޗުގެ އިތުރުން، ލަ މުހިންމު ލީގު މެޗުތަކެއް ހިމެނެއެވެ. އެގޮތުން އެތުލެޓިކޯ މެޑްރިޑް، އެސްޕަންޔޯލް، ސެލްޓާ ވީގޯ އަދި ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެއެވެ.
މީގެއިތުރުން، ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ، ސެމީގެ ފުރަތަމަ ލެގުވެސް ރަފީނިއާއަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. މިއީ ލީގު ކާމިޔާބުކުރުމަށާއި ޔޫރަޕްގެ މުބާރާތުގައި ކުރިއަށް ދިއުމަށް ބާސެލޯނާއިން ކުރާ މަސައްކަތަށް ލިބުނު ބޮޑު ދެރައެކެވެ.
ކޯޗު ހަންސީ ފްލިކަށް މި ދަނޑިވަޅުގައި ރަފީނިއާ ނެތުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ސަބަބަކީ ކުރިއަށް އޮތް ދުވަސްތަކަކީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާ، ސީޒަނުގެ އެންމެ މުހިންމު ވަގުތަށް ވާތީއެވެ.


