logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ރިޕޯޓް

ދިވެހިރާއްޖޭގެ "ނަވުގެ" މިސްރާބު ސަލާމަތްކުރުން: ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ޙަގީގަތް!

ޒިދާން މުޙައްމަދު
28 މާރިޗު 2026 - 10:22
ދިވެހިރާއްޖޭގެ "ނަވުގެ" މިސްރާބު ސަލާމަތްކުރުން: ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ޙަގީގަތް!

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ބިޔަ، ފަޚުރުވެރި "ނަވެކެވެ". މަހަލްދީބް ކަނޑުގެ ގަދަ އޮއިވަރުތަކުގެ ތެރޭގައި، ގައުމުގެ މުސްތަގުބަލަށް މިސްރާބު ޖަހައިގެން ދުއްވަން އޮތް އުޅަނދެކެވެ. ނަމަވެސް މި ނަވުގެ ދަތުރުގައި އޮނިގަނޑާ ގުޅިފައިވާ ނުރައްކާތެރި މައްސަލައެއް އެބައޮތެވެ. ނަވުގެ ހުންގާނުގައި ހިފާނީ ކާކުތޯ ބެލުމަށް، ކޮންމެ ކުޑަ ދުވަސްކޮޅަކުން ފަޅުވެރިން އެމީހުންގެ އަސާސީ ޒިންމާތައް ދޫކޮށް، ބޮޑު ތަޅާފޮޅުމަކަށް ދެއެވެ.

ނަވުގެ ރިޔާ ވައިގައި ތެޅެމުންދާއިރު، އަދި ނަވުގެ ބަނޑުފިލާ ފަޅައިގެން ގޮސް ފެން އަރާއިރުވެސް، ފަޅުވެރިން ތިބެނީ ހަމައެކަނި ބާރު ހޯދުމުގެ "ކެމްޕޭން" މޯޑުގައެވެ. މިއީ މެދުކެނޑުމެއްނެތި އިންތިޚާބުތައް ބާއްވައިގެން، އަޅުގަނޑުމެންގެ ދައުލަތް ހިންގުމުގެ ނިޒާމަށް ޖެހިފައިވާ ނުރައްކާތެރި ޙާލަތެވެ. ދައުލަތެއްގެ ހިންގުން ހަރުދަނާ ވާނީ، ވެރިން ހޮވުމަށްފަހު އެ ފަރާތްތަކަށް މަސައްކަތްކުރާނެ މާހައުލެއް ގާއިމުކޮށްދެވިގެންނެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ، ނަވުގެ މިސްރާބު ސީދާކޮށް، ދައުލަތް އޭގެ ވާޖިބު އަދާކުރުމަށް ރުޖޫއަކުރުމަށް އޮތް އެންމެ ޙިކުމަތްތެރި އެއް ނިންމުމެވެ. އޭގެ ސަބަބުތައް ބަޔާންކޮށްލާނަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޖުތިމާއީ ހަމަޖެހުން: "ދާއިމީ ފިތުނަ" ނިމުމަކަށް ގެނައުން

ގިނަގިނައިން އިންތިޚާބު ބޭއްވުމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ ނިޝާނެއް ކަމަށް ބައެއް ގާނޫނީ ފަރާތްތަކުން ވަކާލާތު ކުރެއެވެ. ނަމަވެސް މިއީ މުޖުތަމައުގެ ބަދަހިކަމަށް ބެލުމެއްނެތި ދައްކާ އުޒުރެކެވެ. ޙަގީގަތަކީ، ކޮންމެ އަހަރަކުހެން ގައުމު "ކެމްޕޭން ހަނގުރާމައަކަށް" ވެއްޓުމުން، މުޅި މުޖުތަމައު އޮންނަނީ ދާއިމީ ސިޔާސީ ފިތުނައެއްގެ ތެރޭގައެވެ.

އާއިލާތަކުގެ މެދުގައާއި، ގާތް ރަހުމަތްތެރިންގެ މެދުގައި އޮންނަ ގުޅުންތައް ކެނޑި، މުޅި މުޖުތަމައު ސިޔާސީ ޕާޓީތަކުގެ ކުލަތަކުން ކަފިކަފިވެގެން ދެއެވެ. މިއީ ސިޔާސީ ގޮތުން ހަރަކާތްތެރިވުމެއް ނޫނެވެ؛ މިއީ މުޖުތަމައު ފުނޑުފުނޑުކުރަނިވި ނުރައްކާތެރި ޙާލަތެކެވެ. ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ނުނިމެނީސް، މަޖިލިސް އިންތިޚާބަށް ގައުމު ތައްޔާރުވާން ޖެހުމުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ލިބެންޖެހޭ ހަމަޖެހުން ގެއްލިގެންދެއެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން، މި ސިޔާސީ ވާދަވެރިކަމާއި ކޯޅުން، ފަސް އަހަރުގެ ތެރެއިން އެއް ދުވަސްވަރަކަށް މަދުކުރެވެއެވެ. އޭގެ ނަތީޖާއަކީ، ބާކީ އޮންނަ ހަތަރު އަހަރަކީ ރައްޔިތުން އެކުވެރިކަމާއެކު ދިރިއުޅެ، ގައުމު ބިނާކުރުމަށް ލިބޭ ސުލްހަވެރި މުއްދަތަކަށް ވެގެން ދިއުމެވެ.

އިގްތިސާދީ އޮޅުވާލުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން: ކޮމަންޑޫ އިންތިޚާބުގެ ޙަގީގަތް!

ގިނަގިނައިން އިންތިޚާބު ބޭއްވުމުގެ ސަބަބުން ދެން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ގައުމުގެ އުމްރާނީ ތަރައްގީއަށާއި ދައުލަތުގެ ބަޖެޓަށެވެ. ބައެއް ފަރާތްތަކުން ހީކުރާ ގޮތާ ޚިލާފަށް، އިންތިޚާބެއް ބޯމަތިވުމުން ތަރައްގީ ހުއްޓެނީއެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ މާ ނުރައްކާތެރި މަންޒަރެކެވެ. އެއީ ވޯޓު ހޯދުމުގެ ބޭނުމުގައި، ދައުލަތުގެ މާލިއްޔަތަށް ނުކަތާވަރަށް ކުއްލިއަކަށް ފަށާ "ދެއްކުންތެރި" ތަރައްގީއެވެ.

މީގެ އެންމެ ސާފު، އަދި ގައުމުގެ އިގްތިސާދަށް އެންމެ ގެއްލުން ބޮޑުވި އެއް މިސާލަކީ، ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ބޭއްވި ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެވެ. ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ކާމިޔާބުކުރުމަށްޓަކައި، މުޅި ދައުލަތުގެ ބަޖެޓާއި ވަސީލަތްތައް އެ ދާއިރާއަކަށް އަމާޒުކުރިއެވެ. ދައުލަތުގެ ބަޖެޓުގައި ކުރިން ރޭވިފައި ނެތް އެތައް ބޮޑެތި މަޝްރޫއުތަކެއް ކުއްލިއަކަށް އިއުލާނުކޮށް، މަތިކޮމަންޑޫ ގުޅާލުމުގެ ނަމުގައި ފަޅުތެރެއަށް "ޑްރެޖަރުތައް" ވައްދައި، ކެމްޕޭން ނިމެންދެން މުޅި ދައުލަތުގެ މެޝިނަރީ އެކަމަށް ހުސްކުރިއެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީއެއް ނޫނެވެ؛ މިއީ ދައުލަތުގެ ޚަޒާނާއިން ވޯޓު ގަތުމަށް ހިންގާ ސިޔާސީ އުކުޅެކެވެ.

ހަމައެއާއެކު ފެނިގެންދިޔައީ، ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރު ކުންފުނިތަކުން (ޚާއްސަކޮށް ފެނަކަ އަދި އާރުޑީސީ ފަދަ ކުންފުނިތަކުން) އެއްވެސް އުފެއްދުންތެރިކަމެއް ނެތް ބޭކާރު ވަޒީފާތައް ސަތޭކައިން ހާހުން ބަހަން ފެށި މަންޒަރެވެ. ރިޔާސީ އިންތިޚާބު ނިމުމަށްފަހު، އަނެއްކާ ހަމަސް ފަހުން މަޖިލިސް އިންތިޚާބާ ކުރިމަތިލާން ޖެހުމުން، ސަރުކާރަށް މަޖުބޫރުވަނީ ގައުމު ބިނާކުރުމުގެ ބަދަލުގައި، މިފަދަ "ކެމްޕޭން" ޕްރޮޖެކްޓްތަކާއި ވަޒީފާތަކުގެ ތެރޭގައި ސަލާމަތްވުމަށް މަސައްކަތް ކުރުމަށެވެ. މީގެ ނަތީޖާއަކަށްވީ، ކުންފުނިތައް ދަރަނިވެރިވެ، ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެގެން ދިއުމެވެ.

ގާނޫނީ ވަކީލުން ވިދާޅުވެދާނެއެވެ؛ "ގިނައިން އިންތިޚާބު ބޭއްވުމަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮތް ފުރުސަތެކެވެ." ނަމަވެސް ބަޖެޓު ނެތި ޑްރެޖަރުތައް ރަށްރަށަށް ފޮނުވުމާއި، މަޖިލީހުގެ އެއް ގޮނޑިއަށްޓަކައި ދައުލަތުގެ ބަޖެޓު ހައިޖެކްކުރުމާއި، ބޭކާރު ވަޒީފާތަކުން ދައުލަތް ބަނގުރޫޓު ކުރުވުމަކީ "ޖަވާބުދާރީ" ކުރުވުންތޯއެވެ؟ ޙަގީގީ ޖަވާބުދާރީ ކުރުވުމަކީ، ވެރިކަމާ ހަވާލުވާ ޓީމަކަށް 5 އަހަރުގެ ފުރިހަމަ ދައުރެއް ދީފައި، ވަގުތީ ސިޔާސީ އުކުޅުތަކުގެ ބަދަލުގައި، ރޭވިފައިވާ ދާއިމީ ނަތީޖާ ނެރެދޭން މަޖުބޫރުކުރުވުމެވެ. ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން "ކޮމަންޑޫ އިންތިޚާބުގެ" މިސާލުން ފެނުނު ފަދަ ނުރައްކާތެރި ސަގާފަތަށް ދާއިމީ ނިމުމެއް އަންނާނެއެވެ.

ދައުލަތުގެ މާލިއްޔަތު ލޭކޮށުން: 150 މިލިއަން ރުފިޔާގެ އިސްރާފާއި ސިޔާސީ ވަޒީފާގެ ދަންތުރަ!

ވަކިވަކިން އިންތިޚާބު ބޭއްވުމުގެ އެންމެ ސާފު، އަދި ހިސާބު އަކުރުން ފެންނަން އޮތް އެންމެ ބޮޑު ގެއްލުމަކީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑު ހޭދައެވެ. ރާއްޖޭގައި ބާއްވާ ކޮންމެ ބޮޑު ގައުމީ އިންތިޚާބަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ޚަރަދުވެއެވެ. ރިޔާސީ އިންތިޚާބު ނިމޭތާ ހަމަސް ދުވަހުގެ ތެރޭގައި އަނެއްކާވެސް އިތުރު 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މަޖިލިސް އިންތިޚާބު ބޭއްވުމަކީ، އިގްތިސާދީ ގޮތުން ބަލާއިރު އެއްވެސް މާނައެއް ނެތް، ކަނޑައެޅިގެން ކުރެވޭ ބޮޑު އިސްރާފެކެވެ. މިއީ ގައުމުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް، ނުވަތަ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރެވިދާނެ ފައިސާއެވެ.

ނަމަވެސް، 150 މިލިއަން ރުފިޔާއަކީ ހަމައެކަނި ފެންނަން އޮތް ޚަރަދެވެ. މިއަށްވުރެ އެތައް ގުނައެއް ބޮޑު، އަދި ގައުމުގެ އިގްތިސާދުގެ މައިބަދަ ބިންދާލާ ނުރައްކާތެރި މައްސަލައެއް މި ނިޒާމުގެ ތެރޭގައި ފޮރުވިފައި އެބައޮތެވެ. އެއީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު އޮންނަ ހަމަސް ދުވަހުގެ ތެރޭގައި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށްޓަކައި ދައުލަތުގެ ކުންފުނިތައް (އެސްއޯއީތައް) މެދުވެރިކޮށް އުފައްދާ ސިޔާސީ "ބޭކާރު ވަޒީފާތަކުގެ" ދަންތުރައެވެ.

ފާއިތުވި ތާރީޚަށް ބަލާއިރު، މި ނިޒާމު އޮންނަ ގޮތުން ކޮންމެ ސަރުކާރަކަށްވެސް މަޖުބޫރުވަނީ، ކުންފުނިތަކުގެ އާމްދަނީއަށް ނުވަތަ އުފެއްދުންތެރިކަމަށް ބެލުމެއްނެތި، ހަމައެކަނި ވޯޓު ކަށަވަރުކުރުމަށްޓަކައި އެތައް ހާސް ބަޔަކަށް ކުއްލިއަކަށް ވަޒީފާ ބަހާށެވެ. މިއީ ގައުމު ބިނާކުރަން އުފައްދާ ވަޒީފާތަކެއް ނޫނެވެ؛ މިއީ ދައުލަތުގެ ޚަޒާނާއިން ފައިސާ ދީގެން ގަންނަ "ވޯޓު ޕެކޭޖު" ތަކެކެވެ. މިކަމުގެ ނަތީޖާއަކަށް ވަނީ، ފެނަކަ އަދި އާރުޑީސީ ފަދަ ދައުލަތުގެ ބޮޑެތި ކުންފުނިތައް އޮޕަރޭޝަނަލީ ބަނގުރޫޓުވެ، މުވައްޒަފުންނަށް މުސާރަ ނުދެވޭ ހިސާބަށް ގޮސް، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިއުމެވެ. އިންތިޚާބު ނިމުމާއެކު މި ވަޒީފާތަކުގައި ތިބޭ ޒުވާނުން އަނެއްކާވެސް މަގުމަތިވެއެވެ.

އިދިކޮޅު ފަރާތްތަކުން ވަކާލާތު ކުރަނީ ވަކިވަކިން އިންތިޚާބު ބޭއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މަގު ކަމަށެވެ. ނަމަވެސް، މެދުތެރެއިން އަންނަ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި، ދައުލަތުގެ ކުންފުނިތައް ފުނޑާލަން ސިސްޓަމްގެ ތެރެއިން ސަރުކާރަކަށް މަޖުބޫރު ކުރުވުމަކީ ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. އެއީ އިގްތިސާދީ ގޮތުން ގައުމު ބަލިކަށި ކުރުމެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ސަރުކާރަށް 5 އަހަރުގެ ފުރިހަމަ، އެއް މެންޑޭޓެއް ލިބި، އިންތިޚާބަކަށްޓަކައި ކުންފުނިތަކުން ބޭކާރު ވަޒީފާ ބަހަންޖެހޭ މަޖުބޫރީ ޙާލަތު ނިމުމަކަށް ގެނެވެއެވެ.

ތަފާސްހިސާބުތަކުން ފެންނަ ރާއްޖޭގެ ޙަގީގަތް:

ރާއްޖޭގެ ރިޔާސީ އިންތިޚާބުތަކުގައި އާންމުކޮށް 85% އާއި 89% އާ ދެމެދުގެ ނިސްބަތަކުން މީހުން ވޯޓުލާން ނުކުމެއެވެ. ނަމަވެސް، އޭގެ ހަމަސް ފަހުން ބާއްވާ މަޖިލިސް އިންތިޚާބުގައި މި އަދަދު ވަރަށް ބޮޑަށް ވެއްޓެއެވެ. މިސާލަކަށް 2019 އަދި 2024 ގެ މަޖިލިސް އިންތިޚާބަށް ބަލާއިރު، ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް އުޅެނީ 70% އާއި 75% އާ ދެމެދުގައެވެ. ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި މި އަދަދު 65% އަށްވެސް ވެއްޓެއެވެ. މީގެ މާނައަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި މި ތިއްބަވަނީ މުޅި ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތު އޮވެގެން ހޮވިފައިވާ މެމްބަރުންނެއް ނޫނެވެ. ދެ އިންތިޚާބު އެއްކޮށްލުމުން، ރައީސުލްޖުމްހޫރިއްޔާ ހޮވަން ނުކުންނަ 85% ރައްޔިތުންނަށް، އެއްވެސް އިތުރު ޚަރަދަކާ ނުލައި، އެމީހުންގެ މަޖިލިސް މެމްބަރު ހޮވުމުގެ ފުރުސަތުވެސް ކަށަވަރުވެގެން ދާނެއެވެ.

ސިޔާސީ ބޭނުމަށް ގާނޫނު އޮޅުވާލުން: ރައީސްގެ ދައުރު ދިގުކުރުމުގެ ބުހުތާނު ދޮގާއި ހިސާބު އަކުރުގެ ޙަގީގަތް!

އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ބައެއް ގާނޫނީ ވަކީލުން މިހާރު ފަތުރަމުންދާ އެންމެ ނުރައްކާތެރި އެއް ދޮގަކީ، ދެ އިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ދައުރު "ދަންމާލުން" ނުވަތަ ދިގުކުރުމުގެ ފޮރުވިފައިވާ އެޖެންޑާއެއް ކަމަށް ބުނާ ބުނުމެވެ. ނަމަވެސް، މިއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ގައުމަށް އޮތް އެންމެ ފައިދާހުރި ބަދަލަށް ހުރަސްއެޅުމަށް ދައްކާ ސިޔާސީ އުކުޅެކެވެ. ކަލަންޑަރަކަށް ބަލާލައި، ސާފު ހިސާބު އަކުރުން މިކަން މިނެކިރާލުމުން، މި އޮޅުވާލުން ވަރަށް ފަސޭހައިން ކަޝްފުވެގެން ދެއެވެ. ހިސާބު އަކުރުތަކުގެ ސާފުކަން: ގާނޫނުއަސާސީގައި ބަޔާންކުރާ ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަހެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. އެހެންކަމުން އެމަނިކުފާނުގެ ގާނޫނީ ދައުރު ހަމަވާނީ ސީދާ 17 ނޮވެމްބަރު 2028 ގައެވެ. ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމެވެ. މި ބަދަލު ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަށް އިތުރުކުރެވެނީ ސީދާ "ސުމެކެވެ". ސުމެއް އިތުރުކޮށްގެން ދައުރު ދަންމާލާނީ ކިހިނަކުން ހެއްޔެވެ؟ މި ބަދަލު ގެނައުމަށްޓަކައި ޙަގީގަތުގައި ކުރަންޖެހޭ ކަމަކީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން މަދު މަސްކޮޅެއް (ގާތްގަނޑަކަށް ހަމަސް ދުވަސް) ކުރުކޮށްލުމެވެ. މިއީ ގައުމީ މަސްލަޙަތު އިސްކުރުމެވެ. ރެފަރެންޑަމްގެ ހާމަކަން: މީގެ އިތުރުން، މިއީ "ފޮރުވިފައިވާ" އެޖެންޑާއެއް ކަމަށް ބުނާ ބުނުމަކީވެސް ހަމަ ބުއްދިއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 262 ވަނަ މާއްދާ އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ދައުރަށް ނުވަތަ މަޖިލީހުގެ ދައުރަށް އެއްވެސް ބަދަލެއް ގެނެވޭނީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން (ރެފަރެންޑަމަކުންނެވެ). މުޅި ގައުމުގެ އެންމެހާ ރައްޔިތުންގެ ކުރިމައްޗަށް ހާމަޔަށް ގެނެސް، ކެމްޕޭންކޮށް، ރައްޔިތުންގެ ސީދާ ވޯޓަކުން ފާސްކޮށްގެން މެނުވީ ނުނިންމޭނެ ކަމެއް، ފޮރުވިފައި އޮންނާނީ ކިހިނަކުން ހެއްޔެވެ؟

ގާނޫނީ "ފަލްސަފާގެ" ދޮގު 2008 ވަނަ އަހަރުގެ އިދާރީ މަޖުބޫރީ ޙާލަތު!

ބައެއް ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކައެއް އޮވެއެވެ. އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު އޮންނަ ހަމަސް ދުވަހުގެ ފަރަގަކީ، އާ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް 2008 ވަނަ އަހަރު ގާނޫނުއަސާސީ އެކުލަވާލި ފަރާތްތަކުން ވިސްނުންތެރިކަމާއެކު ފަރުމާކޮށްފައިވާ މަތިވެރި "ފަލްސަފާއެއް" ކަމަށެވެ. ނަމަވެސް މިއީ ތާރީޚީ ޙަގީގަތާ މުޅިން ޚިލާފު، ފަހުން ބަޔަކު އަމިއްލައަށް އުފައްދައިގެން އުޅޭ ބުހުތާނެކެވެ. ތާރީޚީ ރެކޯޑުތަކަށް ބަލާލަމާ ހިނގާށެވެ. ރާއްޖޭގެ ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވުނީ 7 އޮގަސްޓު 2008 ގައެވެ. ގާނޫނުއަސާސީގެ އިންތިގާލީ ބާބު ލާޒިމްކުރީ 10 އޮކްޓޯބަރު 2008 ގެ ކުރިން ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވުމަށެވެ. މާނައަކީ، މުޅިން އާ ގާނޫނުއަސާސީއެއްގެ ދަށުން ގައުމުގެ އެންމެ ބޮޑު އިންތިޚާބު ބާއްވަން އޭރުގެ އިލެކްޝަންސް ކޮމިޝަނަށް ލިބުނީ ކިރިޔާ 2 މަސް ދުވަހެވެ. ހަމަ އެ 2 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރިޔާސީ އިންތިޚާބާއެކު އެއްކޮށް ބޭއްވުމަކީ އޭރުގެ އިދާރީ ގާބިލުކަން ހުރިގޮތުން ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. ސަބަބަކީ، އޭރު އޮތް 50 މެމްބަރުންގެ މަޖިލިސް އުވި، އާބާދީއަށް ބިނާކޮށް 77 ދާއިރާއަކަށް މުޅި ރާއްޖެ އަލުން ބަހާލައި، އިންތައް ކުރަހައި، އާ ވޯޓަރސް ލިސްޓުތަކެއް އެކުލަވާލަން ޖެހުމެވެ. މިއީ އެންމެ 60 ދުވަހުގެ ތެރޭގައި ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، ގައުމު ގާނޫނީ ހުސްކަމަކަށް ދިޔަނުދިނުމަށްޓަކައި، އިދާރީ މަޖުބޫރީ ޙާލަތެއްގައި ރިޔާސީ އިންތިޚާބު ކުރިން ބާއްވައި، މަޖިލިސް އިންތިޚާބު އޭގެ ހަމަސް ފަހުން 9 މޭ 2009 އަށް ފަސްކޮށްލަން ޖެހުނީއެވެ. ފާއިތުވި 15 އަހަރު ދުވަހު އަޅުގަނޑުމެން މި އުޅެނީ، ވަގުތު ނެތިގެން އިދާރީގޮތުން ދިމާވި "އެކްސިޑެންޓެއް"، އެއީ ގާނޫނުއަސާސީގެ އެންމެ މަތިވެރި ފަލްސަފާ ކަމަށް ހީކޮށްގެންނެވެ. ސިސްޓަމްގައި އޮތް އުނިކަމެއް އެއީ ގަސްތުގަ އިންތިޒާމު ކުރެވިގެން ނިންމި ފަލްސަފާވެރި ނިންމުމެއް ކަމަށް ދެކިގެން ގައުމު ހަލާކުގެ ތެރެއަށް ދޫކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

ބައިނަލްއަގުވާމީ ނަމޫނާ: ދުނިޔޭގެ އެންމެ ކާމިޔާބު ޑިމޮކްރަސީތަކުގެ ސިއްރު!

ވަކިވަކިން އިންތިޚާބު ބޭއްވުމަށް ވަކާލާތުކުރާ ބައެއް ފަރާތްތަކުން، ދެ އިންތިޚާބު އެއްކޮށްބޭއްވުމަކީ ޚުދުމުޚުތާރު ނިޒާމަކަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރެއެވެ. ނަމަވެސް، ޢިލްމީ ދިރާސާތަކާއި ބައިނަލްއަގުވާމީ އިންޑެކްސްތަކަށް ބަލާއިރު ފެންނަން އޮތް ޙަގީގަތަކީ، ދުނިޔޭގެ އެންމެ ހަމަޖެހޭ، ކޮރަޕްޝަން ކުޑަ، އަދި ރައްޔިތުން އެންމެ އުފާވެރި "އޭ-ގްރޭޑް" ޑިމޮކްރަސީތަކުގައި ޢަމަލުކުރާ ނިޒާމަކީ މިއީ ކަމެވެ. އިސްލާމީ ޤައުމެއްގެ ނަމޫނާ (އިންޑޮނޭޝިއާ): ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ، އަދި ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑޮނޭޝިއާގައިވެސް ކުރިން އޮތީ ރާއްޖޭގައި މިއޮންނަ ފަދަ، ވަކިވަކިން އިންތިޚާބު ބާއްވާ ނިޒާމެކެވެ. ނަމަވެސް އިންތިޚާބީ ޚަރަދު އިންތިހާއަށް ބޮޑުވެ، ސިޔާސީ ކޯޅުންތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގެއްލެން ފެށުމުން، 2019 ވަނަ އަހަރުން ފެށިގެން އެ ގައުމުން ވަނީ ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އެއް ދުވަހަކަށް ބަދަލުކޮށްފައެވެ. ނަތީޖާއަކީ 2019 އަދި 2024 ގެ އިންތިޚާބުތަކުގައި ވޯޓަރ ޓަރންއައުޓް 82% އާއި 80% އާ ދެމެދުގައި ހިފެހެއްޓުމާއި، ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުޕިއާއެއް ސަލާމަތްވުމެވެ. ފުލް ޑިމޮކްރަސީ ގެ ނަމޫނާ (އުރުގުއޭ އަދި ކޮސްޓަރީކާ): ދެކުނު އެމެރިކާ ބައްރުގައި އޮންނަ އުރުގުއޭ އާއި ކޮސްޓަރީކާ އަކީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަމުން އަންނަ ދެ ގައުމެވެ. "އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް" ގެ ރިޕޯޓުތަކުން އުރުގުއޭ އަކީ މުޅި ދުނިޔެއިންވެސް "ފުލް ޑިމޮކްރަސީ" ގެ އެންމެ މަތީ ދަރަޖަ ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި އދ. އިން ނެރޭ "ވޯލްޑް ހެޕިނެސް ރިޕޯޓް" ގައި ކޮސްޓަރީކާ އަކީ އާންމުކޮށް ދުނިޔޭގެ ގަދަ 15 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމީހުން އަހަރަކު 3 ފަހަރު ކެމްޕޭން ހަނގުރާމައަކަށް ނުނުކުމެ، އެއް ދުވަހަކު ގޮސް ވޯޓުލާފައި، ދެން އޮންނަ 4 ނުވަތަ 5 އަހަރު ގައުމު ބިނާކުރުމަށް ހުސްކުރެއެވެ. ރާއްޖެއާ އެންމެ އެއްގޮތް ނަމޫނާ (ސީޝެލްސް): އަޅުގަނޑުމެން ފަދަ އާބާދީ ކުޑަ، ފަތުރުވެރިކަމަށް ބަރޯސާވާ ޖަޒީރާ ގައުމެއް ކަމަށްވާ ސީޝެލްސް އިން ވަނީ، އިންތިޚާބީ ޚަރަދު ބޮޑުވެ ރައްޔިތުން ފޫހިވާން ފެށުމުން، 2020 ވަނަ އަހަރު ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފަށާފައެވެ. ނަތީޖާއަކަށްވީ އެ ގައުމުގެ ވޯޓުލާ މީހުންގެ ނިސްބަތް ރެކޯޑް މިންވަރަކަށް، 88% އަށް އުފުލިގެން ދިއުމެވެ. މީގެ އިތުރުން ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ޑިމޮކްރަސީ ކަމަށްވާ ސްވިޑަންގައިވެސް އަމަލުކުރަނީ މި އުސޫލަށެވެ. ޚުލާސާކޮށް ބުނާނަމަ، ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރަސީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގައި އޮތް ޑެޑްލޮކެއް ނައްޓާލުމެވެ. 5 އަހަރުގެ ތެރޭ ތަކުރާރުވާ ފިތުނަވެރި ލޫޕްއަކުން މިންޖުވުމެވެ. ބައިނަލްއަގުވާމީ ތަފާސްހިސާބުތަކުން ސާބިތުކޮށްދެނީ، މިއީ ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މަތީ ހަރުފަތަށް ދިވެހިރާއްޖެ ގެންގޮސްދީ، ގައުމީ "ނަވުގެ" ދުވެލި އަމާންކޮށްދޭނެ އެންމެ ހަރުދަނާ ސިޔާސަތު ކަމެވެ. ނިންމުން: ގައުމީ "ނަވުގެ" ހުންގާނު ސީދާކޮށް، އަމާން އައްސޭރިއަކަށް މިސްރާބު ހިފުން! ދުނިޔޭގެ އިގްތިސާދީ ތޫފާންތަކާއި، ދާޚިލީ ގޮންޖެހުންތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މި ބިޔަ ނައު ދަތުރުކުރަމުންދާއިރު، ބޭރުން ނަގާ ރާޅުތަކަށްވުރެ ބޮޑަށް މިއަދު މި ނައު ފަރަށް އެރުމުގެ ބިރު ބޮޑީ، އެތެރޭގައި އުފެދިފައިވާ ސިޔާސީ އޮއިވަރުގެ ސަބަބުންނެވެ. ކޮންމެ އަހަރަކުހެން، ނަވުގެ މިސްރާބު ދޫކޮށްލާފައި، ހުންގާނުގައި ހިފާނީ ކާކުތޯ ބެލުމަށް ފަޅުވެރިންގެ މެދުގައި ހިނގާ ދާއިމީ ދެބަސްވެ އަރާރުންވުން ނުވަތަ ކެމްޕޭން ކޯޅުމާ ފިތުނަ އަކީ މިއަދު ދިވެހިރާއްޖެއަށް ދެމެހެއްޓޭނެ ކަމެއް ނޫނެވެ. ރައްޔިތުންނަށް މިއަދު ބޭނުންވަނީ ކޮންމެ ހަމަހަކުން އެއްފަހަރު، ވޯޓު ހޯދަން ރަށްރަށަށް އަރުވާ ޑްރެޖަރުތަކެއް ނޫނެވެ. ދައުލަތް ބަނގުރޫޓުކުރާ ބޭކާރު ވަޒީފާތަކެއް ނޫނެވެ. އަދި އާއިލާތަކާއި މުޖުތަމައު ކަފިކަފިކޮށްލާ ސިޔާސީ ފިތުނައެއްވެސް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ނަތީޖާއެވެ. ހަމަޖެހުމެވެ. ތަރައްގީއެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ ބަދަލަކީ، ހަމައެކަނި ގާނޫނީ އަކުރުތަކަކަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ސިސްޓަމްގެ ތެރޭގައި އޮތް ބޮޑު "ބަގެއް" ރަނގަޅުކޮށް، ދައުލަތް ހިންގުމުގެ ނިޒާމު އަލުން އަމާޒަށް ގެނައުމެވެ. މިއީ 150 މިލިއަން ރުފިޔާގެ އިސްރާފު ހުއްޓުވައި، ދައުލަތުގެ ވަސީލަތްތައް ސިޔާސީ ބޭނުމަށް ހައިޖެކްކުރާ ކުރުމުގައި އެޅުވޭ ދާއިމީ ތަޅެކެވެ. އިދިކޮޅު ފަރާތްތަކުންނާއި، 2008 ގެ އޮޅުންތަކުގެ ތެރޭގައި ތާށިވެފައި ތިބި ބައެއް ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކިތަންމެ މަސައްކަތެއް ކުރިޔަސް، ހިސާބު އަކުރުތަކާއި ދުނިޔޭގެ ކާމިޔާބު ނަމޫނާތަކުން ފެންނަން އޮތް ޙަގީގަތް ފޮރުވޭކަށް ނެތެވެ. ވެރިކަން ދިގުކުރަން އުޅޭކަމަށް ބުނާ ބުހުތާނު ދޮގު، ރައްޔިތުންގެ ސީދާ ވޯޓަކަށް (ރެފަރެންޑަމަކަށް) ހާމަޔަށް ހުށަހެޅުމާއެކު ވަނީ ބާތިލުވެފައެވެ. މިއަދު ދިވެހި ރައްޔިތުންނަށް އޮތީ ވަރަށް ސާފު އިޚުތިޔާރެކެވެ. ގައުމީ "ނަވުގެ" ފަޅުވެރިން، އެމީހުންގެ ވަގުތީ ސިޔާސީ މަންފާއަށްޓަކައި އަބަދު ތަޅާފޮޅަން ދޫކޮށްލާނީތޯއެވެ؟ ނުވަތަ އެއްފަހަރުން ކެޕްޓަނަކާއި ޓީމެއް ހޮވައި، ފަސް އަހަރުގެ ފުރިހަމަ، މެދުކެނޑުމެއްނެތް ދައުރެއް ދީފައި، ހަގީގީ މާނައިގައި ނަތީޖާއިން އެމީހުން ޖަވާބުދާރީ ކުރުވާނީތޯއެވެ؟ ދެ އިންތިޚާބު އެއްދުވަހު ބޭއްވުމަކީ ސިޔާސީ މީހުންގެ އަތުން ބާރު ނަގައި، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރު ޖަމާކުރުމެވެ. މިއީ ވަގުތީ ކެމްޕޭންތަކުގެ ބަދަލުގައި، ދާއިމީ ނަތީޖާއަކަށް ގައުމު ހޭލެއްވުމެވެ. ފަޅުވެރިންގެ ތަޅާފޮޅުން ހުއްޓުވައި، ގައުމީ ނަވުގެ ދުވެލި، އަމާން، ތަރައްގީވެފައިވާ އައްސޭރިއަކަށް ސީދާކުރަންވީ ވަގުތަކީ މިއީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ "ނަވުގެ" މިސްރާބު ސަލާމަތްކުރުން: ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ޙަގީގަތް!ރިޕޯޓް | 2 ގަޑިއިރު ކުރިންއިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުން: ފަންނީ ބޭފުޅުން ވިދާޅުވަނީ ކީކޭ؟ރިޕޯޓް | ދުވަހެއް ކުރިން