އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުން: ފަންނީ ބޭފުޅުން ވިދާލުވަނީ ކީކޭ؟
27 މާރިޗު 2026 - 04:04

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު، ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއެކު، މުހިންމު އިތުރު ވޯޓެއްވެސް އެބަ އޮތެވެ. އެއީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026އެވެ. މިވޯޓަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓެކެވެ. ވޯޓުގެ ސުވާލަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
މި ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ 2029ގައި އޮންނަން ޖެހޭ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ، 2028ގެ ރިޔާސީ އިންތިހާބާ އެކުއެވެ. ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކުރި އިސްލާހުގައި ވާ ގޮތުން، ރައްޔިތުންގެ ތާއީދު އެކަަމަށް ލިބިއްޖެ ނަމަ ރައީސް އެ ބިލު ތަސްދީގުކުރެއްވުމުން، މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފަސް އަހަރުދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީއެވެ. މިކަމާ ގުޅޭ ގޮތުން، އެކި ބަހުސްތައް ކުރަމުން ދާއިރު، އެއް ބަޔަކު ދައްކަމުންދަނީ އާނއެކޭ ބުނަންވީ ހުއްޖަތްތަކެވެ. އަނެއް ބަޔަކު ނޫނެކޭ ބުަނަންވީ ސަބަބުތަކެއް އެބަ ދައްކައެވެ.

Ad by Hajj Corporation
މިކަމާ ގޮޅޭ ގޮތުން ފަންނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ބަލާލަމާ ހެއްޔެވެ؟ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލާ ގުޅޭގޮތުން ޕޮލިސީ އެމްވީން މިވަނީ "ސިޔާސާތު ޚާއްސަ" މިނަމުގައި ފޯރަމެއް ބާއްވާފައެވެ. މި ފޯރަމުގައި ވާހަކަދައްކަވަމުން، ދައުލަތުގެ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ.
ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ވާހަކަދައްކަވަމުން އަލްއުތާޛާ ދިޔާނާ ސަޢީދު ވިދާޅުވީ މީގެ ކުރިން އެކި ޚިޔާލުތަކުގެ ބޭފުޅުންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކަށްވެސް އިންތިޚާބުތައް އެއްް ދުވަހެއްގައި ބާއްވަން ތާއީދުކޮށްފައިވާކަމަށެވެ. އެފަރާތްތަކުން މި ކަމަށް ތާޢިދުކުރައްވާފައިވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ދުސްތޫރީ މަންފާތައް ލިބެންއޮތުމުން ކަމަށް ދިޔާނާ ވިދާޅުވިއެވެ. ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ ރިޔާސީ އިންތީޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ.
"ސިޔާސާތު ޚާއްސަ" ފޯރަމް ---
މިހާރު ފަސް ފަަހަރަށް ސުޕްރީމް ކޯޓު ބަދަލުކުރެވިއްޖެކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ދެން ހަމަ ޤާނޫނުއަސާސީވެސް އިސާހިތަކު ބަދަލުކުރެވުމުން މިއީ މިހާރު 8ވަނަ އިސްލާހު ކަމަށެވެ. ޤާނޫނުއަސާސީއަށް ތަސައްރަފު ނުފުދޭތީ، ސުޕަމެޖޯރިޓީ މަޖިލީހަކީ ރަނގަޅު އެއްޗެއް ނޫންކަމަށާއި ލިބެންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސް މަޖިލީހެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ފޯރަމުގައި ހަމަ ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ވާހަކަދައްކަވަމުން ޤާނޫނީވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާނޫނުއަސާސީގައި މިހާރުވެސް ކަނޑައަޅާފައިވާ ކަމަށެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ރިޔާސީ އިންތިޚާބަށް އޮންނަ އަހަމިއްޔަތުކަން ކުޑަވެ ރައްޔިތުންނަށް އެ އިންތިޚާބުގައި ފުންކޮށް ވިސްނުމުގެ ފުރުސަތު ލިބިގެން ނުދާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ރައްޔިތުންނަށް 5 އަހަރުގެ ދައުރެއްގެ ތެރޭގައި ވޯޓުލުމުގެ ވީހާވެސް ގިނަ ފުރުޞަތުތައް ދެވިގެން ކަމަށް ވިދާޅުވިއެވެ.
އެއް އިންތިޚާބެއް ބާއްވާފައި ހަމައެކަނި އެ އިންތިޚާބަށް ފޯކަސް ކުރުމުން އެ އިންތިޚާބުގެ މުހިންމުކަންވެސް ފެންނާނެ ކަމަށާއި ގަބޫލުކުރާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކުއެކުގައި އުޅެގެން ހޮވޭ އިންތީޚާބެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެނބުރިލާފައި އެ ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކުރުވާކަށް ނުކުރޭނެ ކަމަށް އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވިއެވެ.
ފޯރަމުގައި މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ރޮނގުން މައުލޫމާތު ހިއްސާކުރައްވައި އަލްއުސްތާޛާ އާޒިމާ ޝަކޫރު ވިދާޅުވީ މިހާރު އޮތް އޮނިގަނޑަށް ބަލާނަމަ ރައްޔިތުން އަބަދުވެސް އުޅެންޖެހިފައިވަނީ އިންތިޚާބެއްގެ ތެރޭގައި ކަމަށެވެ. އަދި އިންތިޚާބުތައް މަދުވުމަކީ އޭގެ އަސަރު ޑިމޮކްރަސީއަސް ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، މިހާރު މިއޮތް ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ބަދަލުވާންޖެހެއެވެ. ކޮންމެ ފަސް އަހަރަކު މިގޮތަށް ދައުލަތް ހިންގައިގެން، އަނެއް 3 އަހަރު ޖުޑިޝަރީ ބަދަލުކޮށްގެން، ޖޭއެސްސީ ބަދަލުކޮށްގެން، މި ދައުލަތް ރަނގަޅަށް ނުހިންގޭ ކަމަށް އަލްއުސްތާޛާ އާޒިމާ ޝަކޫރު ވިދާޅުވިއެވެ.
މިބޭފުޅުންގެ އިތުރުން، ފޯރަމުގައި ވާހަކަދެއްވި އެހެން ފަންނީ ތަޖުރިބާކާރުންވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލު ފާޅުކުރައްވާފައެވެ. އެގޮތުން އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ޚަރަދު ކުޑަވާނެ ކަމަށް ދެކެވޭ ވާހަކަތާ ގުޅިގެން މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ރޮނގުން މައުލޫމާތު ހިއްސާކުރައްވަމުން އަހުމަދު މުހަންމަދު ވިދާޅުވީ އިންތިޚާބުތަކަށް ކުރާ ޚަރަދަކީ ބޮޑު ޚަރަދެއް ނޫން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ސަލާމަތް ކުރެވޭނީ މުޅި ޖުމްލަ ދެ އިންތިޚާބަށް ޚަރަދުވާ ފައިސާއިން ހަތަރު ބައިކުޅަ އެއްބައި ކަމަށެވެ.
މި ފޯރަމުގައި ޒުވާނުންގެ ފަރާތުންނާއި އިސްރަށްވެހިންގެ ފަރާތުންވެސް ޚިޔާލުފާޅުކުރައްވާފައިވާއިރު މި ދެ އުމުރުފުރާއިން ޕެނަލުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ލިބިގެންދާނެ މަންފާތަކަށް އަލިއަޅުއްވާލައްވާފައެވެ.


