ތަފާތު ލޭބަލްތައް އެޅުވިޔަސް ފަރުވާލެއް ނެތް، އިސްކުރާނީ ގައުމު: ރައީސް
18 ނޮވެމްބަރު 2026 - 03:22

ތަފާތު އެކި ލޭބަލްތައް އެޅުވުމަކީ އެމަނިކުފާނު ފަރުވާލެއް ބަހައްޓަވާ ކަމެއް ނޫން ކަމަށާއި، އަބަދުވެސް އެންމެ ފުރަތަމަ ގައުމުގެ ޝިއާރު އިސްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން ނިންމި މުހިންމު ނިންމުންތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ވޭޕްގެ ވިޔަފާރި ހުއްޓުވުމާއި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ފަދަ ނިންމުންތަކަކީ މަގުބޫލު ނޫން ނިންމުންތައް ކަމުގައި ވިޔަސް، އެ ފިޔަވަޅުތައް ނޭޅި ނަމަ ގައުމު ބިރުވެރި ހާލަތަކަށް ގޮސް އެންމެ ތުއްތު ކުދިން ވެސް ނުރަނގަޅު މާހައުލެއްގެ ތެރެއަށް ވެއްޓިގެންދިޔައީސް ކަމަށް ރައީސް ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ފާހަގަކުރެއްވި ގޮތުގައި ޖެނެރޭޝަން ބޭން ތައާރަފުކޮށް، ވޭޕަށް ހުށަހެޅިފައި ނުވާ ކުދިން އެ ނުރައްކަލުން ސަލާމަތްކުރި ފުރަތަމަ ގައުމަކީ ރާއްޖެއެވެ. އަދި މިއަދު އެހެން ގައުމުތަކުން ވެސް ރާއްޖޭގެ އެ ފިޔަވަޅު ނަކަލުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުޑަ ގައުމެއް ކަމަށްވިޔަސް، އަޅުގަނޑުމެންގެ އިހުލާސްތެރިކަން މާބޮޑު. އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ،" ރައީސް ވިދާޅުވިއެވެ.
ފެންނަން ހުރި ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން، އެކަކު އަނެކަކަށް އިހުތިރާމު އަދާކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ދެ ކަންތައް އެކީގައި ހިންގައިފި ނަމަ ގައުމު ވަރަށް ބޮޑަށް އުޖާލާވެގެންދާނެ ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންމެ ކަމެއްގައި ވެސް އިދިކޮޅު ހެދުމުގެ ސަގާފަތެއް އޮންނަކަން ފާހަގަކުރައްވަމުން، އެންމެންނަކީ ވެސް ތެދުވެރި އަދި ހެޔޮލަފާ ބައެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
