ރަސްމާލެއިން 800 ހެކްޓަރު ހިއްކައިފި: ހުޅުމާލޭގެ ދެ ފިޔަވަހީގެ ދެގުނައަށްވުރެ ބޮޑު ސަރަހައްދެއް
18 ނޮވެމްބަރު 2026 - 03:12

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ތެރެއިން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެއިން މިހާތަނަށް ހިއްކިފައިވާ ބިމުގެ ބޮޑުމިނަކީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ޖުމްލަ ބޮޑުމިނަށްވުރެ ދެ ގުނަ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1000 އެއްހާ ހެކްޓަރުގެ ތެރެއިން ބާކީ ހުރި ބައި ހިއްކުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ހަވާލުވިއިރު ނުނިމި ހުރި އެތައް ހާސް ފްލެޓެއް ހުރި ކަމަށާއި، އެ މަޝްރޫއުތައް މިހާރު ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭ ކަމަށެވެ. މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 4000 އެއްހާ ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި، މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި 58،000 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމީ އުސޫލުތަކާ ފުށުއަރާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އެގޮތުން ރާ ވިއްކުމާއި، އޫރުމަހާއި ކެސިނޯ ހެދުން ފަދަ ކަންކަމާ ގުޅޭ ހަމަތައް ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަޅުތެރޭގައި ވަކިން ހަދާ ރަށެއްގައި ހިނގާ ކަންކަމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ އެ ހަމަތައް ގަބޫލުކުރާ ފަރާތްތައް އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ކަންކަމުގެ ހަގީގަތް އޮޅުވާލައިގެން ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަކީ އިހުލާސްތެރި އަމަލެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކުގެ ތާރީޚަށް ރައްޔިތުން ބެލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

-01.jpg&w=3840&q=75)
