އަމާޒަކީ 2029 ގައި ރާއްޖޭގެ ބަޖެޓް ސާޕްލަސްއަކަށް ބަދަލުކުރުން: ރައީސް
18 ނޮވެމްބަރު 2026 - 03:31

ސަރުކާރާ 2023 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 އިންސައްތައިގައި ކަމަށާއި، ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް އެ އަދަދު ފަސް އިންސައްތައަށް ވުރެ ދަށަށް ގެނައުމަށްފަހު 2029 ގައި ބަޖެޓް ސާޕްލަސްއަކަށް ބަދަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިގުތިސޯދީ މިނިވަންކަން ވަޒަންކުރާއިރު، ވެރިކަމާ ހަވާލުވި އިރު އިގުތިސޯދީ ހާލަތު އޮތް މިންވަރާއި މިހާރު ހުރި ހިސާބު ވަޒަންކޮށްލެވޭނެ ކަމަށެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބަޖެޓް ޑެފިސިޓް ހުރީ 10 އިންސައްތައިގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ވިދާޅުވީ މި ސަރުކާރަށް ބަޖެޓް އެކުލަވާލަން ލިބުނީ 2025 ވަނަ އަހަރަށާއި މި އަހަރަށް ކަމަށެވެ. އަދި އޭގެ ކުރީ އަހަރުގެ ބަޖެޓް އެކުލަވާލީ ކުރީގެ ސަރުކާރުން ކަމަށާއި، އޭރު ވެރިކަންކުރި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓް ފާސްކުރީ އާ ސަރުކާރަށް ކަންކަން ހިންގަން ދަތިވާނެ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ހެދި ފުރަތަމަ ބަޖެޓް، 2025 ގެ ބަޖެޓުން ފެށިގެން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފިސްކަލް މެނޭޖްމެންޓް ތަންފީޒުކޮށްގެން، އަޅުގަނޑުމެން ޑެފިސިޓް ކުޑަކުރީ 3.6 އިންސައްތައަށް، ޖީޑީޕީގެ ނިސްބަތުން،" ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބަޖެޓް މެނޭޖްކުރުމުގައި ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް، މި އަހަރު ނިމޭއިރު ޑެފިސިޓް ސިންގަލް ޑިޖިޓެއްގައި، އެއީ ގާތްގަނޑަކަށް 6.2 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ހުރި ގޮންޖެހުންތަކާ އެކު ވެސް މާލީ ކަންކަން ހަރުދަނާކަމާއެކު ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ އުންމީދަކީ 2028 ނިމޭއިރު ޑެފިސިޓް ފަސް އިންސައްތައަށް ވުރެ ދަށްކޮށް، 2029 ވަނަ އަހަރު ރާއްޖޭގެ ބަޖެޓް ޖީޑީޕީގެ ނިސްބަތުން އެއް އިންސައްތައިގެ ސާޕްލަސްއަކަށް ބަދަލުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
