ޓްރަމްޕާއި ދެކޮޅަށް އެމެރިކާގެ ރައްޔިތުން ނުކުމެ މަގުތައް ފުރާލައިފި
28 މާރިޗު 2026 - 22:07

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައަށް މަހެއް ފުރުނު ފަހުން، ބޭއްވި ފުރަތަމަ "ނޯ ކިންގްސް" އިހުތިޖާޖުގައި ބައިވެރިވުމަށް އެމެރިކާގެ އެކި ސިޓީތަކުގެ މަގުތަކަށް އެތައް މިލިއަން މީހުން ނުކުމެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ހިނގާލުންތަކާއި އެއްވުންތަކަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގަތް ފަހުން މުޅި ގައުމުގައި ބޭއްވި "ނޯ ކިންގްސް" އިހުތިޖާޖުތަކުގެ ތިންވަނަ ބުރެވެ.

Ad by Hajj Corporation
"ނޯ ކިންގްސް" ވެބްސައިޓުން ބުނާ ގޮތުގައި، އެމެރިކާގެ ހުރިހާ 50 ސްޓޭޓެއްގައި 3،300 އަށްވުރެ ގިނަ ހަރަކާތްތައް ރޭވިފައިވާއިރު، ނިއުޔޯކް، ލޮސް އެންޖެލިސް އަދި ވޮޝިންޓަން ޑީސީ ފަދަ ސިޓީތަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ރޯމް، ޕެރިސް އަދި ބާލިން ފަދަ ބައިނަލްއަގުވާމީ ސިޓީތަކުގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށްދެއެވެ.
ނަމަވެސް، އިންތިޒާމުކުރާ ފަރާތްތަކުގެ އަމާޒަކީ އެމެރިކާގެ ބޮޑެތި ސިޓީތަކުން ބޭރުގައި، ކޮންޒަވޭޓިވް ފިކުރުގެ މީހުން ގިނަ ސަރަހައްދުތަކުގެ ވޯޓުލާ މީހުން އެއްކުރުމެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ބައިވެރިންގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން ބައިވެރިވާނީ ބޮޑެތި ސިޓީތަކުގެ މަރުކަޒުތަކުން ބޭރުގައި ބާއްވާ ހަރަކާތްތަކުގައެވެ.
"މި ހޮނިހިރު ދުވަހުގެ ހަރަކާތްތަކުން ފެންނަ އެންމެ މުހިންމު ކަމަކީ ހަމައެކަނި އިހުތިޖާޖުކުރާ މީހުންގެ އަދަދެއް ނޫން، އެމީހުން އިހުތިޖާޖުކުރާ ތަންތަން ވެސް މެ،" މިދިޔަ އަހަރު "ނޯ ކިންގްސް" ހަރަކާތް ފެށި ޕްރޮގްރެސިވް ނޮން-ޕްރޮފިޓް ޖަމިއްޔާ 'އިންޑިވިޒިބަލް' ގެ ކޯ-ފައުންޑަރ ލިއާ ގްރީންބާގް ވިދާޅުވިއެވެ.
އެހެންނަމަވެސް، މައިގަނޑު ހަރަކާތް ތާވަލުކޮށްފައިވަނީ 'ޓްވިން ސިޓީސް' ގެ ނަމުން މަޝްހޫރުވެފައިވާ މިނެސޯޓާގެ މިނިއާޕޮލިސް-ސެއިންޓް ޕޯލް ސަރަހައްދަށެވެ.
މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕް "އޮޕަރޭޝަން މެޓްރޯ ސާޖް" ފެއްޓެވުމާއެކު، މެދުތެރޭގެ މި ސްޓޭޓް ވެގެންދިޔައީ ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ފިޔަވަޅުތަކުގެ މައި މަރުކަޒަށެވެ.
އެ އޮޕަރޭޝަނުގައި ފެޑަރަލް އިމިގްރޭޝަންގެ 3،000 އަށްވުރެ ގިނަ އެޖެންޓުން ޓްވިން ސިޓީސްއަށް ފޮނުވިއިރު، އެމީހުންގެ މައްޗަށް ވަނީ ޑިޕޯޓްކުރުމުގެ ރޭޑްތައް ހިންގުމުގައި އިންތިހާއަށް ބާރުގެ ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވިފައެވެ.
ޖެނުއަރީ މަހު އެޖެންޓުން ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ރައްޔިތުން ކަމަށްވާ އެލެކްސް ޕްރެޓީ އަދި ރެނޭ ނިކޯލް ގުޑް މަރުވުމާ ގުޅިގެން، މުޅި ގައުމުގައި ނުރުހުން ފާޅުކޮށް އިސްލާހީ ބަދަލުތަކަށް ގޮވާލިއެވެ. ފެބްރުއަރީ މަހު ނިންމާލި މި އޮޕަރޭޝަނާ ގުޅިގެން ދިހަވަރަކަށް ދައުވާ ވަނީ އުފުލާފައެވެ.
ހޮނިހިރު ދުވަހުގެ އިހުތިޖާޖުގައި މިނެސޯޓާގައި އެ މަރުތަކުގެ ހަނދާން އާކުރާނެއެވެ. މި ހަރަކާތުގައި ތަގުރީރުތަކާއި، މިއުޒިކް ކޮންސަރޓްތަކުގެ އިތުރުން އެކްޓިވިސްޓުންނާއި، މަސައްކަތްތެރިންގެ ލީޑަރުން އަދި ސިޔާސީ ބޭފުޅުން ބައިވެރިވާނެއެވެ.
ޕްރޮގްރެސިވް ސެނެޓަރ ބާނީ ސޭންޑާސް ބައިވެރިންނާ މުހާތަބު ކުރެއްވިއިރު، ރޮކް އައިކަން ބްރޫސް ސްޕްރިންގްސްޓީން އާއި ފޯކް ލަވަކިޔުންތެރިޔާ ޖޯން ބައޭޒް ވަނީ މި ހަރަކާތުގައި ހުށަހެޅުންތައް ހުށަހަޅައިދީފައެވެ.
"ތިޔަބޭފުޅުންގެ ހިތްވަރާއި ސާބިތުކަމަކީ އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތްވަރެއް. އަނިޔާވެރިކަމެއް ނެތް އިހުތިޖާޖުގެ ބާރު ތިޔަބޭފުޅުން ދައްކުވައިދީފި،" އެކްޓަރު ރޮބަޓް ޑި ނީރޯ ކުރިން ރެކޯޑްކޮށްފައިވާ މެސެޖެއްގައި މިނެސޯޓާގެ އެއްވުމުގެ ބައިވެރިންނަށް ބުންޏެވެ.
"ސަރުކާރުގެ ގުންޑާއިން ހަތިޔާރާއެކު ދިން ހަމަލާތަކުގެ ކުރިމަތީގައި ތިޔަބޭފުޅުން ދެއްކެވީ ކެރުމާއި ހިތްވަރު. ތިޔަބޭފުޅުން އެކަތިގަނޑަކަށްވެ، އެމީހުން މި ސިޓީން ބޭރުކޮށްލައިފި."
މީގެ އިތުރުން، ހޮނިހިރު ދުވަހުގެ ހެނދުނު ވޮޝިންޓަން ޑީސީގައި ވެސް ގިނަ ބަޔަކު ވަނީ ލިންކަން މެމޯރިއަލް އާއި ވޮޝިންޓަން މޮނިއުމަންޓް ފަދަ ތާރީޚީ ބިނާތަކުގެ ކައިރިއަށް އެއްވެ، ޓްރަމްޕް ސަރުކާރާ ދެކޮޅު ބޯޑުތަކާއި ކަރުދާހުން ހަދާފައިވާ ބުދުތައް ހިފައިގެން އިހުތިޖާޖުކޮށްފައެވެ.
މި އިހްތިޖާޖު ކުރާ އަނެއް ސަބަބަކީ ޓްރަމްޕް އިސްވެ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ (އޮޕަރޭޝަން އެޕިކް ފިއުރީ) އެވެ. މި ހަނގުރާމައަށް މިހާރު ވަނީ އެއް މަސް ވެފައެވެ. އިހުތިޖާޖުކުރާ ފަރާތްތަކުން ބުނަނީ މަރުވާ މީހުންގެ އަދަދު އިތުރުވުމާއި އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކަކީ (ޕެޓްރޯލްގެ އަގު އުފުލުން) "ނޯ ކިންގްސް" މެސެޖުގެ މައިގަނޑު ސަބަބުތައް ކަމަށެވެ. އަދި މި ހަނގުރާމައަށް ވަދެފައިވަނީ އެކަށީގެންވާ ހުއްދައެއް ނެތި ކަމަށް އެފަރާތްތަކުން ދައުވާކުރެއެވެ.

.jpg&w=3840&q=75)
