މެސީގެ މޮޅުކުޅުމާއެކު ޒެމްބިއާ ބަލިކޮށް، މިފަހަރުގެ ވޯލްޑްކަޕްގެ އަމާޒު ސީދާ ތަށި ދިފާއުކުރުމާއި ދިމާލަށް
1 އޭޕްރީލު 2026 - 03:11

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން އަމިއްލަ ގައުމުގައި ކުޅުނު ފަހު މެޗުގައި، ލިއޮނަލް މެސީގެ މޮޅު ކުޅުމާއެކު ޒެމްބިއާގެ މައްޗަށް 5-0 ގެ ބޮޑު ނަތީޖާއަކުން އާޖެންޓީނާ ކުރި ހޯދައިފިއެވެ. އަންގާރަ ދުވަހު ލަ ބޮމްބޮނޭރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެސީ ވަނީ ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ލިއަންޑްރޯ ပါރޭޑޭސް ފޮނުވާލި ދިގު ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު، މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް، 43 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓާއާއެކު ކުޅުނު ވަރަށް ރީތި ވަން-ޓޫ އަކަށްފަހު މެސީ ވަނީ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައިވެސް އާޖެންޓީނާއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ޖަހާފައެވެ. މިއީ އަމިއްލަ ގައުމުގައި އާޖެންޓީނާގެ ޖާޒީގައި އޮޓަމެންޑީ ކުޅުނު ފަހު މެޗެވެ. އޭގެ ފަހުން 68 ވަނަ މިނެޓުގައި ޒެމްބިއާގެ ޑޮމިނިކް ޗަންޑާ އަތުން ބައިކޮޅަށް ވަން ލަނޑަކާއި، މެޗުގެ ފަހުކޮޅު ވެލެންޓިން ބާކޯ ޖެހި ލަނޑާއެކު އާޖެންޓީނާއިން ވަނީ މޮޅުވުން ޔަގީންކޮށްފައެވެ.
މެސީގެ އައު ރެކޯޑެއް
މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމުގައި އޭނާގެ ތާރީޚީ ރެކޯޑު އިތުރަށް ފުޅާކޮށްފައެވެ. ޒެމްބިއާ ކޮޅަށް ޖެހި ލަނޑާއެކު، މެސީ މިވަނީ ބައިނަލްއަގުވާމީ މައިދާނުގައި ތަފާތު 40 ގައުމެއްގެ ކޮޅަށް ލަނޑު ޖަހާފައެވެ. މިއީ އާޖެންޓީނާގެ ތާރީޚުގައިވެސް ކުޅުންތެރިއަކު މިހާ ގިނަ ގައުމުތަކާ ދެކޮޅަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާއިން ދެން ކުޅޭނީ އެމެރިކާގައި ސާބިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެކެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 1 އާއި 9 އާ ދެމެދުގައެވެ. އާޖެންޓީނާއިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ.

.jpg&w=3840&q=75)
