އާޖެންޓީނާ މެޗުގައި އިނދިކޮޅު ކުޅުންތެރިޔާއަށް ދެއްކި ރަތްކާޑު ގޯސް : ފީފާގެ ޤަވާއިދުތައް ހަދާ ކޮމިޓީ
29 ޖުލައި 2026 - 04:28

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ސްވިޒަލޭންޑް ކުޅުނު މެޗުގައި އެ ޓީމުގެ ބްރީލް އެމްބޯލޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ ގޯސްކޮށް ކަމަށް ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ކަށަވަރުކޮށްދީފިއެވެ.
ނިމިދިޔަ ފީފާ ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލުގައި ސްވިޓްޒަލޭންޑް ގޯލެއްޖަހައި މެޗުގެ އޮއިވަރު ސްވިޓްޒަލެްންޑާއި އެއްކޮޅަށް ވަރަށް ބޮަޑަށް އެނބުރުނު ވަގުތުގައި ހިނގި ފައުލަކަށް ފީފާގެ އައު ގަވާއިދެއްގެ ދަށުން ރެފްރީ ވަނީ އާޖެންޓީނާގެ ކުޅުންތެރިޔަކަށް ރީނދޫ ކާޑު އޮޅިގެން ދައްކައި، އެ ނިންމުން އަލުން އަނބުރައި ބަދަލުކުރުމަަށްފަހު، ބަދަލުގައި ސްވިޓްޒަލޭންޑް ކުޅުންތެރިޔާއަށް ދެވަނަ ރީނދޫކާޑާއި އެއްކޮށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު އެއްވަރުވެ، މުޅި މެޗު ކޮންޓްރޯލްކުރަމުން ގެންދިޔަ ސްވިޓްޒލޭންޑްއަށް ވަނީ މެޗުގެ ކޮންޓްރޯލް ގެއްލިފައެވެ. އަދި އެއްކުޅުންތެރިޔަކު މަދުކޮށް 72 ވަނަ މިނެޓުންފެށިގެން ކުޅުނު ސްވިޓްޒަރލޭންޑްކޮޅަށް އިތުރުވަގުތުގެ ދެހާފުގައި އާޖެންޓީނާއިން ވަނީ ދެގޯލުޖަހައި، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

Ad by Hajj Corporation
އައިއެފްއޭބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެވަނަ ރީނދޫ ކާޑަކަށް ނުވާ ގޮތަށް ދައްކާ ރީނދޫ ކާޑެއް ރިވިއު ކުރެވޭނީ ހަމައެކަނި ކުށް ކުރި ކުޅުންތެރިޔާ އޮޅިފައިވާނަމަ އެކަން ދެނެގަތުމަށް އެކަނި ކަމަށެވެ. އަދި އެ ނޫން ހާލަތްތަކުގައި ކުރި ކުށަކީ ކޮބައިކަން ބަލައި، އެ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި 'މިސްޓޭކަން އައިޑެންޓިޓީ' ނުވަތަ ކުޅުންތެރިޔާ އޮޅުމުގެ މާއްދާ ބޭނުންކޮށްގެން 'ސިމިއުލޭޝަން' ނުވަތަ އޮޅުވާލުމުގެ މައްސަލަތައް ބެލުމަށް ނިންމި ނިންމުމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. "މި ބަދަލު ވީއޭއާރު ޕްރޮޓޮކޯލްގެ ތަފްސީލީ ރިވިއުއެއްގައި ހިމަނާނެ. ނަމަވެސް އެ ރިވިއު ނިމެންދެން މި އުސޫލަށް އަމަލެއް ނުކުރެވޭނެ،" އައިއެފްއޭބީން ބުނެފައިވެއެވެ.
މި ނިންމުމާއެކު، އެމްބޯލޯއަށް ދެއްކި ރަތް ކާޑުގެ މައްސަލައިގައި ރެފްރީގެ ނިންމުމަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް މިހާރު ހުރި ގަވާއިދުތައް ބުނާގޮތުން މެޗުގެ ތެރޭގައި ނިންމާފައިވާ އެފަދަ ނިންމުންތަކަށް ވަގުތުން ބަދަލެއް ނުގެނެވޭނެއެވެ.
ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގައި އާޖެންޓީނާއާއި އެއްކޮޅަށް ރެފްރީން ގިނަ ނިންމުންތަކެއް ނިންމާ މެޗުތަކުގެ ނަތީޖާއަށް އަސަރުކުރުވާނޭ ގިނަކަންކަން ރެފްރީންނާއި ފީފާއިން ކޮށްދީފައިވާކަމަށް ބުނެ، ގިނަބަޔަކު ދިޔައީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އާޖެންޓީނާ ވޯލްޑްކަޕުން ބޭރުކުރުމަށް 23 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.


