ސަޕޯޓަރުންތައް ރޮއްވާލުމަށްފަހު މެސީ ދެވަނަ ފަހަރަށް ޤައުމީ ޓީމުން ރިޓަޔަރކޮށްފި
7 އޮކްޓޯބަރު 2026 - 04:28

އާޖެންޓީނާގެ ޤައުމީ ޓީމަށް 21 އަހަރު ވަންދެން ކުޅުމަށްފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 39 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި އަންގާރަ ދުވަހު ބުއެނޮސް އައިރީސްގައި ބެނިންއާ ދެކޮޅަށް ކުޅެ އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މޮނިއުމެންޓަލް ސްޓޭޑިއަމްގައި 85،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، މެސީ ވަނީ އޭނާގެ 208 ވަނަ ބައިނަލްއަޤްވާމީ މެޗުގައި ކެރިއަރުގެ 126 ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި މެސީ މި ލަނޑު ޖެހިއިރު، މެޗުގެ ފުރަތަމަ ލަނޑު ޖެހުމަށް ނިކޮލަސް އޮޓަމެންޑީއަށް ފުރުޞަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. އާޖެންޓީނާގެ އަނެއް ލަނޑު ކާމިޔާބުކުރީ ނިކޯ ޕާޒްއެވެ.
.png&w=750&q=75)
Ad by Hajj Corporation
'ދަ ލާސްޓް ޓެންގޯ' ގެ ނަމުގައި ކުރިއަށްދިޔަ މި ޚާއްޞަ މެޗަށް ދިއުމުގެ މަގުމަތީގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުޙީބާއެކު މެސީގެ ލޮލުން ކަރުނަ ފޭބިއެވެ. މެޗު ފެށުމުގެ ކުރިން އޭނާގެ ތިން ދަރިންނާއެކު ދަނޑަށް އެރިއިރު، ވީއައިޕީ ބޮކްސްގައި އޭނާގެ އަނބިމީހާ އެންޓޮނެލާ ރޮކޫޒޯ އަދި މަންމަ ސެލިއާ ކުޗިޓީނީ ތިއްބެވެ. މީގެއިތުރުން މެސީގެ ޖާޒީ ނަންބަރު 10 އަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ކުޅުން މެދުކަނޑާލައި، އެއް މިނެޓުގެ އަތްޖެހުމުގެ ޝަރަފެއް އެންމެން ވަނީ އަރުވާފައެވެ. އަދި މެޗު ނިމުމުން ސްޓޭޑިއަމްގެ މަތީގައި ޑްރޯން ޝޯއެއް ބާއްވައި، އަށް ފަހަރު ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
މެސީގެ މި އަލްވަދާޢު މި އައީ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވިތާ ދެ މަސްދުވަސް ފަހުންނެވެ. އެ މެޗަށްފަހު މެސީ ވިދާޅުވީ އޭނާގެ ހުރިހާ އެއްޗެއް ޤައުމީ ޓީމަށް ދީފި ކަމަށާއި، މިހާރު ފުރުޞަތު ޙައްޤުވާ މޮޅެތި ޒުވާން ކުޅުންތެރިން އެބަތިބި ކަމަށެވެ. މީގެ ކުރިން 2016 ވަނަ އަހަރުގައި ކޮޕާ އެމެރިކާއިން ބަލުވުމުންވެސް މެސީ ވަނީ ޤައުމީ ޓީމުން ރިޓަޔަރކޮށްފައެވެ.
ބެނިންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޔުނިވަރސިޓީ އޮފް ބުއެނޮސް އައިރީސްއިން ވަނީ މެސީއަށް އޮނަރަރީ ޑޮކްޓަރޭޓް އެވޯޑެއް އަރުވާފައެވެ. އަދި ބާސެލޯނާގައި ކުރިން އެކުގައި ކުޅުނު ނޭމާ ވެސް ވަނީ މެސީ ފުޓްބޯޅައަށް ކޮށްދިން ޚިދުމަތްތަކަށް ސޯޝަލް މީޑިއާގައި ތަޢުރީފުކޮށް ޝުކުރު އަދާކޮށްފައެވެ.
އާޖެންޓީނާގެ ޤައުމީ ޓީމާއެކު މެސީ ވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، 36 އަހަރަށްފަހު އެ ޤައުމަށް ތަށި ހޯދައިދީފައެވެ. މީގެއިތުރުން 2014 އަދި 2026 ގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން، 2021 އަދި 2024 ގެ ކޮޕާ އެމެރިކާ މުބާރާތްވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އެމެރިކާގެ އިންޓަ މިއާމީއާއެކު 2028 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް އޮތް ނަމަވެސް، މީގެ ދެ މަސް ކުރިން ބައްޕަ ޖޯޖް މަރުވުމާ ގުޅިގެން، ކްލަބު ފުޓްބޯޅަ ކުޅުންވެސް ހީކުރި ވަރަށްވުރެ އަވަހަށް ހުއްޓާލުމުގެ ފުރުޞަތު އޮތް ކަމަށް މެސީ ވަނީ އިޝާރާތްކޮށްފައެވެ.

-01.jpg&w=3840&q=75)
