މެސީގެ އަލްވަދާޢު މެޗުގައި ބޮޑޫ ސްކޭމެއް ޖެއްސިކަމުގެ ތުހުމަތު އިނދިކޮޅު ޓީމުގެ ކޯޗުކޮށްފި
9 އޮކްޓޯބަރު 2026 - 20:41

އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ލިއޮނެލް މެސީ ކުޅުނު ވަދާއީ މެޗަށް ފަހު، އެ މެޗުގައި ވާދަކުރި ބެނިން ޓީމަށް އެކަށީގެންވާ މެހެމާންދާރީއެއް ނުދިން ކަމަށް ބުނެ އެ ގައުމުގެ ޓީމުން ބޮޑެތި ޝަކުވާތަކެއް ކޮށްފި އެވެ.
ބުއެނޮސް އައިރިސްގެ އެސްޓާޑިއޯ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. 85,000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކައި، 71 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލަނޑެއް ޖަހައިފަ އެވެ. މީގެ އިތުރުން 48 ވަނަ މިނެޓުގައި ނިކޮލަސް އޮޓަމެންޑީ އަދި 61 ވަނަ މިނެޓުގައި ނިކޯ ޕާޒް ކާމިޔާބުކުރި ލަނޑުތައް ޖެހުމުގައި ވެސް އެހީތެރިވެދިނީ މެސީ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ބެނިން ޓީމުގެ ކަންބޮޑުވުންތައް
ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން މެސީގެ ވަދާއީ ކުޅުމަށް އުފާފާޅުކުރަމުން ދިޔަ ނަމަވެސް، މެޗަށް ފަހު އާޖެންޓީނާގެ ފަރާތުން ފެނުނު އަމަލުތަކާ މެދު ބެނިން ޓީމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އާޖެންޓީނާގެ ކުޅުންތެރިންނާ ބައްދަލުކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އެކަށީގެންވާ ސަމާލުކަމެއް ނުލިބުނު ކަމަށް އެ ޓީމުން ބުނެ އެވެ.
ބެނިންގެ ކޯޗު ޖާނޮޓް ރޯހާ އާރްއެމްސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ކުޅުންތެރިން އާޖެންޓީނާގެ ތަރިންނާ ބައްދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ކާމިޔާބު ނުވި ކަމަށާއި، މެސީއާ އެކު ފޮޓޯއެއް ނެގުމުގެ ފުރުސަތު ވެސް ބެނިންގެ ކުޅުންތެރިންނަށް ނުލިބުނު ކަމަށް އޭނާ ބުންޏެވެ. މި މައްސަލައިގައި ބެނިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މެޗަށްފަހު ބެނިންގެ ކުޅުންތެރިން މެސީއާއެކު ސެލްފީއެއް ނަގަން މަސައްކަތް ކުރުމުން އެކަމާ ދެކޮޅު ހަދާތަން ފެންނަ ވީޑިއޯތަކެއްވެސް މީސްމީޑިއާގައި ދައުރުވަމުންދެއެވެ.
މެޗު ކުރިއަށް ދިޔަ ވަގުތު އަދި މެޗަށް ފަހު ވެސް ސްޓޭޑިއަމްގެ ސެކިއުރިޓީ އޮތީ އިންތިހާއަށް ވަރުގަދަކޮށްފަ އެވެ. މެޗަށް ފަހު މެސީއާ ކުޑަކޮށް ވާހަކަދައްކައިލުމުގެ ފުރުސަތު ލިބުނު ނަމަވެސް، މި ތާރީޚީ މެޗުގެ ހަނދާނީ އެއްވެސް އެއްޗެއް ހޯދުމުގެ ފުރުސަތެއް އިނދިކޮޅު ޓީމުގެ ނުލިބުނެވެ.
ކޯޗު ރޯހާ އިތުރަށް ބުނި ގޮތުގައި ކުޅުންތެރިން ވަންނަ ޓަނަލް ކައިރީގައާއި ޗޭންޖިން ރޫމްތަކުގެ ކައިރީގައި ތިބި ސެކިއުރިޓީ އޮފިޝަލުން ވަނީ ޖާޒީ ބަދަލުކުރުމާއި ފޮޓޯ ނެގުމަށް އެދުމުން އެކަމަށް ހުރަސްއަޅައިފަ އެވެ. އެ ސަރަހައްދަށް ވަނުމަށް ސެކިއުރިޓީން އެއްވެސް މީހަކަށް ހުއްދަ ދީފައެއް ނުވެ އެވެ. ނަމަވެސް، އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީއާ ވާހަކަދެއްކުމަށް 30 މިނެޓު މަޑުކުރުމަށް ފަހު، ރޯހާ ގެނައި ކުރީގެ ޖާޒީއެއްގައި މެސީގެ ސޮއި ހޯދުމަށް އޭނާއަށް ކާމިޔާބުވި އެވެ.
މެޗުގެ ކުރިން ބެނިންގެ ގައުމީ ކުލަތައް ހިމެނޭ މާބޮނޑިއެއް އެ ޓީމަށް ދިން ނަމަވެސް، މެޗަށް ފަހު ކަންތައްތައް ދިޔަ ގޮތުން އެ ޓީމު އެނބުރި ދިޔައީ މާޔޫސްކަމާ އެކުގަ އެވެ. މި ޝަކުވާތަކާ ގުޅިގެން އާޖެންޓީނާގެ ފަރާތުން އަދި މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

-01.jpg&w=3840&q=75)
