ލަދުވެތި ރެކޯޑަކާއެކު ވޯލްޑް ކަޕް ފައިނަލް އަލުން ކުޅުމަށް އެދި އާޖެންޓީނާގެ ސަޕޯޓަރުން ޕެޓިޝަނެއް ފަށައިފި
23 ޖުލައި 2026 - 09:47

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރި މެޗު އަލުން ކުޅުމަށް ގޮވާލައި އާޖެންޓީނާގެ ސަޕޯޓަރުން ޑިޖިޓަލް ޕްލެޓްފޯމެއްގައި ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނަށް މިހާތަނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
ފައިނަލް މެޗުގައި ސްޕެއިން އާއި ދެކޮޅަށް 120 މިނެޓު ކުޅެ، އެއްވެސް ޝޮޓެއް ގޯލަށް އަމާޒުކޮށް ނުހެދި، ފުޓްބޯޅައިގެ ތާރީޚުގައި އާޖެންޓީނާ ވަނީ ހަޑި ރެކޯޑެއް ހަދާފައެވެ.
Change.org ގައި ޝާއިއުކޮށްފައިވާ މި ޕެޓިޝަނުގައި މިހާތަނަށް 61,500 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މި ޕެޓިޝަނުގައި ފީފާއަށް ގޮވާލާފައިވަނީ ޖުލައި 19 ވަނަ ދުވަހު ނިއުޔޯކްގައި ކުޅުނު ފައިނަލް މެޗުގައި ހިނގާދިޔަ ކަންތައްތައް މުރާޖައާ ކުރުމަށެވެ.

Ad by Hajj Corporation
މި ޕެޓިޝަން ފަށާފައިވަނީ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށްވާ ޖިސޭލާ ސަންޗޭޒް އެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ރެފްރީކަން ކުރި ސްލޮވީނިއާގެ ސްލާވްކޯ ވިންޗިޗްގެ ނިންމުންތަކާ މެދު ސުވާލު އުފައްދާފައެވެ.
ޕެޓިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ރެފްރީގެ ބައެއް ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި މެޗުގައި ހިނގާދިޔަ ބައެއް ހާދިސާތައް ފީފާއިން އަލުން ބެލުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން މެޗުގައި އުސޫލުން ބޭރު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
Change.org ފަދަ ޕްލެޓްފޯމްތަކުގައި ހިންގާ ޕެޓިޝަންތަކަކީ ގާނޫނީ ގޮތުން އެއްވެސް ބާރެއް އޮންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، ރަސްމީ މުބާރާތެއްގެ ނަތީޖާ ބަދަލުކުރުމަށް ފީފާގެ މައްޗަށް މަޖުބޫރު ކުރުވުމުގެ ބާރެއް މި ޕެޓިޝަނަކަށް ލިބިގެންނެއް ނުވެއެވެ.
ފުޓްބޯޅައިގެ ގަވާއިދުތައް ބުނާގޮތުން މެޗެއް އަލުން ކުޅެވޭނީ ކުޅިވަރުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ހާއްސަ ހާލަތްތަކެއް ދިމާވުމުން ނުވަތަ ކަމާބެހޭ އިދާރާއަކުން އެފަދަ ނިންމުމެއް ނިންމުމުން އެކަންޏެވެ.


