މާރިޗް މަހު ވައްކަމުގެ 281 މައްސަލައެއް، އެކްސިޑެންޓްގެ 269 މައްސަލައެއް!
6 އޭޕްރީލު 2026 - 04:53

ނިމިދިޔަ މާރިޗް މަހު ވައްކަމުގެ 281 މައްސަލަ އަދި އެކްސިޑެންޓްގެ 269 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ މާރިޗް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 960 މައްސަލައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

Ad by Hajj Corporation
އެގޮތުން މާރިޗް މަހު ވައްކަމުގެ 281 މައްސަލަ ހުށަހަޅާފައިވާއިރު، ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 269 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ތިންވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މާރިޗް މަހު މަސްތުވާތަކެތީގެ 128 މައްސަލަ ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން މާރިޗްމަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެއްޗެހި ގެއްލިގެން 81 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 61 މައްސަލަ، އަނިޔާކުރުމުގެ 27 މައްސަލަ، ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ، ފޭރުމުގެ 12 މައްސަލަ އަދި ފޯޖް ކުރުމުގެ 2 މައްސަލަ ހިމެނެއެވެ.
ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަށް ހާމަކުރަން ފެށީންސުރެއް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ މައްސަލަތައް އުޅެނީ އެވްރެޖްކޮށް އަހަރަކު 3000 އިން މަތީގައެވެ. 2025 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3477 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ރާއްޖޭގެ ކުށުގެ ވެށީގައި ހިނގާ މައްސަލަތައް ހައްލު ކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުން. އަދި ފުލުހުންގެންދަނީ ކަމާ ގުލުހުންހުރި އިދާރާތަކާ ގުޅިގެން ކެނޑިނޭޅި ގިނަ މަސައްކަތްތަކެެއް ކުރަމުންކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.

.jpg&w=3840&q=75)
