ފަރަންސޭސި އުންމީދީ ސިޔާސީ ލީޑަރު އިޓަލީގެ ޝާހީ ޢާއިލާގެ ބޭފުޅަކާއި ލޯބީގެ ގޮތުން ގުޅިވަޑައިގެންފައިވާ ކަމުގެ އަޑުތަކެއް
12 އޭޕްރީލު 2026 - 02:35

ފަރަންސޭސިވިލާތުގެ ކަނާތު ފިޔައިގެ ސިޔާސީ ލީޑަރު ޖޯޑަން ބާޑެލާ، އިޓަލީގެ ކުރީގެ ރަސްކަލެއްގެ ދަރިކަނބަލުންނާ ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާކަމުގެ ޚަބަރުތަކެއް ފެންމަތިވެއްޖެއެވެ.
މަޝްހޫރު މީހުންގެ ޚަބަރުތައް ގެނެސްދޭ "ޕެރިސް މެޗް" މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަރަންސޭސި ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ޖޯޑަން ބާޑެލާ އުޅުއްވަނީ އިޓަލީގެ ޝާހީ އާއިލާއަށް ނިސްބަތްވާ، "ޕްރިންސަސް މާރިއާ ކެރޮލީނާ އޮފް ބޯބަން-ޓޫ ސިސިލީސް" އާ ލޯބީގެ ގޮތުން ގުޅިވަޑައިގެންނެވެ.

Ad by Hajj Corporation
މި ހަފުތާގެ "ޕެރިސް މެޗް" މަޖައްލާގެ ބޭރުގަނޑުގައި ޖަހާފައިވަނީ، ދާދިފަހުން ކޯސިކާގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި މި ދެ ބޭފުޅުންގެ ފޮޓޯތަކެކެވެ. "ކޮންމެ މީހަކަށްވެސް ހައިރާންކަމެއް ގެނުވި ލޯބީގެ ގުޅުން" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ މި ޚަބަރަކީ ދުރާލައި ރޭވިގެން ފެންމަތިކުރި ޚަބަރެއް ކަމަށް ބެލެވެއެވެ.
މި ދެ ބޭފުޅުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތައް ފެތުރެން ފެށީ މިއަހަރުގެ ޖެނުއަރީ މަހު، "ލެ ފިގާރޯ" ނޫހަށް 200 އަހަރު ފުރުން ފާހަގަކުރުމަށް ޕެރިހުގައި ބޭއްވި ހަފުލާއެއްގައި ދެ ބޭފުޅުން އެކުގައި ފެނުމާ ގުޅިގެންނެވެ. ނަމަވެސް، "ރަސެމްބްލްމަންޓް ނޭޝަނަލް" (އާރް.އެން) ޕާޓީގެ އުމުރުން 30 އަހަރުގެ ރައީސް ބާޑެލާ މީގެ ކުރިން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ އޭނާގެ މިނިވަންކަން އޮތް "އެންމެ ފަހު މާހައުލު" ކަމަށް ވިދާޅުވެ އެ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވާފައެވެ.
"ޕެރިސް މެޗް" އިން ބުނާ ގޮތުގައި، މިހާރު މިވަނީ މި ގުޅުން ރަސްމީކޮށް ހާމަކުރުމަށް ނިންމާފައެވެ.
އަންނަ އަހަރު ބާއްވާ ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ބާޑެލާ ވާދަކުރައްވާނީ، އެ ޕާޓީގެ އިސް ލީޑަރު މެރިން ލެޕެން އަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ކޯޓުން ނިންމައިފި ހާލަތެއްގައެވެ. ލެޕެންގެ މައްޗަށް ވަނީ އީ.ޔޫ ޕާލަމެންޓް ފަންޑަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރެވިފައެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އާރް.އެން ޕާޓީގެ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ.
މިކަމާ ގުޅޭގޮތުން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، ރިޔާސީ ކެމްޕޭނަށް ނުކުންނައިރު ބާޑެލާގެ އަމިއްލަ ދިރިއުޅުމާއި، އެލީޒޭ ޕެލަސްގެ "ފަސްޓް ލޭޑީ" އަކަށް ވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ސާފުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، އާދައިގެ ފަގީރު ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރާ ޕާޓީއެއްގެ ލީޑަރަކު، އިންތިހާއަށް މުއްސަނދި ޝާހީ އާއިލާއެއްގެ ބޭފުޅަކާ ގުޅުމުން އާންމުންގެ މެދުގައި ނުރުހުން އުފެދިދާނެތީ، އެކަން ދުރާލައި ހަމަޖެއްސުމަކީވެސް އެ ޕާޓީގެ މަގުސަދަކަށް ވެދާނެއެވެ.
ޕްރިންސަސް މާރިއާ ކެރޮލީނާ (އުމުރުން 22 އަހަރު) އަކީ 19 ވަނަ ގަރުނުގައި ސިސިލީއާއި އިޓަލީގެ ދެކުނުގައި ރަސްކަންކުރި ބޯބަން-ޓޫ ސިސިލީސް އާއިލާގެ ޕްރިންސް ކާލޯގެ ދަރިކަނބަލުންނެވެ. އިޓަލީ އެއްބައިވުމާ ގުޅިގެން އެ އާއިލާއަށް ވަނީ ރަސްކަން ގެއްލިފައެވެ. މާރިއާ ކެރޮލީނާއަކީ ފަރަންސޭސިވިލާތުގެ މަޝްހޫރު ރަސްކަލެއް ކަމަށްވާ ލުއީ 14 ވަނަ އާވެސް ދުރުތާ ތިމާގެ ބޭފުޅެކެވެ.
އޭނާގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، އޭނާ ބޮޑުވީ ރޯމް، މޮންޓެ ކާލޯ އަދި ޕެރިހުގައެވެ. އޭނާއަކީ ސަގާފީ، އިޖުތިމާޢީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. ހަ ބަހުން ވާހަކަދައްކަވަން ދެނެވަޑައިގަންނަވާ މި ކަމަނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު 350,000 އަށްވުރެ ގިނައެވެ. އަދި އޭނާއަކީ ފެޝަންގެ ދާއިރާއަށްވެސް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ.
"ޕެރިސް މެޗް" މަޖައްލާއިން މި ދެ ބޭފުޅުން ސިފަކޮށްފައިވަނީ ވަރަށް ތަފާތު ދެ ފަންތިއަކުން އައިސްފައިވާ ދެ ބޭފުޅުންގެ ގޮތުގައެވެ. އެގޮތުން ބާޑެލާއަކީ ޕެރިހުގެ އާދައިގެ ފްލެޓެއްގައި އުފަންވެ، އަމިއްލަ މަސައްކަތުން ކުރިއަރާފައިވާ "ރައްޔިތުންގެ ތެރެއިން އައި" ސިޔާސީ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، މާރިއާ ކެރޮލީނާއަކީ އިންތިހާ މުއްސަނދިކަމުގެ ތެރޭގައި ބޮޑުވި ޝާހީ ބޭފުޅެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ދެ ބޭފުޅުން އެންމެ ފުރަތަމަ ބައްދަލުވީ މިދިޔަ އަހަރުގެ މެއި މަހު މޮނާކޯގައި އޮތް ގްރޭންޑް ޕްރީ ރޭހުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
"ޕެރިސް މެޗް" މަޖައްލާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް މަހުޖަނު ކަމަށްވާ، ފަރަންސޭސިވިލާތުގެ ބާނާޑް އާނޯލްޓްގެ މިލްކިއްޔާތުގައި އޮންނަ މަޖައްލާއެކެވެ.

.gif&w=1920&q=75)
