ސްރީލަންކާގެ އިގްތިސާދު ރަނގަޅުވެ 4.4 ޕަސެންޓް ކުރިއަރާނެކަމަށް ލަފާކޮށްފި
12 އޮކްޓޯބަރު 2024 - 04:55
ސްރީލަންކާގެ އިޤްތިޞާދު ހަމައަކަށްއެޅި، 2024 ގައި އިޤްތިޞާދީ ކުރިއެރުން 4.4 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
ލަންކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ މަތީ އަދަދެކެވެ. މި ފެހި ސިގްނަލް ފެނިފައި ވަނީ ވިދިވިދިގެން 4 ކުއާޓަރެއްގައި އިޤްތިޞާދީ ކުރިއެރުން ފެނިފައިވާތީކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުގައި ބުނެފަވެއެވެ.
މި ކުރިއެރުން ފެނިފައިވަނީ ޞިނާޢީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށާއި، އަދި މުހިންމު ސްޓްރަކްޗަރަލް އަދި ޕޮލިސީ އިޞްލާޙުތަކުގެ ސަބަބުން ކަމަށް ވޯލްޑް ބޭންކާއި ހަވާލާދީ ލަންކާ މީޑިއާއިން ބުނެފައިވެއެވެ.ދެ އަހަރަކުން އެއްފަހަރު ނެރޭ ވޯލްޑް ބޭންކުގެ ސްރީލަންކާ ޑިވެލޮޕްމަންޓް އަޕްޑޭޓް އިއްްޔެ ނެރެފައިވާއިރު، މި އަޕްޑޭޓްގައި ބުނެފައިވަނީ ގައުމުގެ އިގްތިސާދުގެ ރިކަވަރީ އަދިވެސް ބަލިކަށި ކަމަށާއި، އަދި މި ރިކަވަރީ ބިނާވެފައިވަނީ މެކްރޯއިކޮނޮމިކް ސްޓެބިލިޓީ ދެމެހެއްޓުމާއި، ދަރަނި ކާމިޔާބުކަމާއެކު ރީސްޓްރަކްޗަރ ކުރުމާއި، އަދި މެދުރާސްތާގެ ކުރިއެރުން އިތުރުކޮށް ފަޤީރުކަން މަދުކުރުމަށް ސްޓްރަކްޗަރަލް އިޞްލާޙުތައް ކުރިއަށް ގެންދިއުމުގެ މައްޗަށް ކަމަށެވެ.
އެކްސްޕޯޓް އިތުރުކުރުމާއި، ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުމާއި، އަންހެނުންގެ ވަޒީފާގެ ބައިވެރިވުން އިތުރުކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމާއި، އަދި ފަޤީރުކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދަތިކަމާއި، މާލީ ދާއިރާގެ ނާޒުކުކަން ފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްފައިވާ މުހިންމު އިޞްލާޙުތަކަކީ އެކުލެވިގެންވާ އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ކޮންމެހެން ބޭނުންވާ ކަންކަން މި ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.މި ރިޕޯޓުގައި އަލިއަޅުވާލާފައިވަނީ ވިޔަފާރީގެ ޒަރީޢާއިން މަތީ އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމުގެ ޤައުމުގެ ޤާބިލުކަމުގެ މައްޗަށެވެ. ސްރީލަންކާގައި އަހަރަކު 10 ބިލިއަން ޑޮލަރުގެ ބޭނުން ނުކުރެވި އޮތް އެކްސްޕޯޓް ޕޮޓެންޝަލްއެއް އޮތް ކަމަށާއި، މިއިން ގާތްގަނޑަކަށް 142,500 އައު ވަޒީފާ އުފެއްދިދާނެ ކަމަށް މި ރިޕޯޓުގައި ލަފާކޮށްފަވެއެވެ. އަދި ބޭނުންވާ އިޞްލާޙުތައް ތަންފީޒުކޮށްފިނަމަ، މެނުފެކްޗަރިންގ، ޚިދުމަތްތައް އަދި ދަނޑުވެރިކަމުގެ ދާއިރާއިން އެކްސްޕޯޓް އިތުރުކޮށް ތަފާތުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ.