އެންމެންގެ އިހުމާލު، އެންމެންނަށް ނުރައްކާ: ކުނީގެ މައްސަލަ ކޮންޓްރޯލުން ނެއްޓިއްޖެ!
12 އޭޕްރީލު 2026 - 07:43

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 2 ޖަހާލިހާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދޯދި ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ގިނަ އަދަދެއްގެ އާއިލާތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ މިފަދަ ތޮއްޖެހިފައިވާ ސޯޝަލް ހައުސިންގ ސަރަހައްދެއްގައި ހިނގި މި ހާދިސާގައި، ނަސީބު ރަނގަޅުކަމުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، މި ހާދިސާއަކީ ކުނި މެނޭޖުކުރުމާއި، އިޖުތިމާއީ ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި ހުރި ބޮޑެތި އިހުމާލުތަކެއް ހާމަވެގެންދިޔަ ކަމެކެވެ.
އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ބަލަހައްޓަމުންދާ ތަންތަނެވެ. ކުނި އުކާލުމުގެ މަސައްކަތް ވެމްކޯއިން ކުރަމުންދާއިރު، މުޅި ސަރަހައްދުގެ ތަރައްގީއާއި ޕްލޭނިންގްގެ ކަންކަން ބަލަހައްޓަނީ އެޗް.ޑީ.ސީ އިންނެވެ. މިފަދަ އިންތިޒާމުތަކެއް ހަމަޖެހިފައި އޮތް ނަމަވެސް، ފްލެޓްތަކުގެ ބޭރުގައި އާދައިގެ މީހަކަށްވުރެ އުސްކޮށް ކުނި ފުންޏަށް ޖެހިފައި ހުރުމަކީ އާންމު މަންޒަރެކެވެ.
މީގެ ޒިންމާ ނަގާނީ ކާކު؟
މިއީ ހަމައެކަނި ވަކި ފަރާތެއްގެ އިހުމާލުން ކުރިމަތިވާ ކަމެއް ނޫނެވެ. މިއީ އެންމެންގެ ވެސް ޒިންމާއެކެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އިމާރާތްކުރުމުގެ ގަވާއިދުތައް ހަރުދަނާކަމާއެކު ތަންފީޒުކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެކަށީގެންވާ އަދަބު ދެވެންޖެހޭނެއެވެ. ސަބަބަކީ މިއީ މަދު ބައެއްގެ ސަލާމަތާ ގުޅިފައިވާ ކަމަކަށް ނުވެފައި، އެތައް ހާސް ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ނުހަނު ބޮޑު މައްސަލައަކަށް ވާތީ އެވެ.

Ad by Hajj Corporation
ހަމައެއާއެކު، ވެމްކޯގެ ދައުރު ވެސް މިކަމުގައި ނުހަނު ބޮޑެވެ. ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި އޮތް ނަމަވެސް، އެ އުސޫލުތައް އަމަލީގޮތުން ތަންފީޒުކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަން ޖެހެއެވެ.
މި މައްސަލައަކީ ހަމައެކަނި މުއައްސަސާތަކުގެ ބޮލުގައި އަޅުވައި، ފަރުޖައްސާލެވެން އޮތް ކަމެއް ނޫނެވެ. ކޮންމެ ރައްޔިތަކީވެސް މިކަމުގައި ޒިންމާދާރު ބަޔަކަށް ވާންޖެހެ އެވެ. ކަންކަމުގައި ފަރުވާކުޑަކުރުމުގެ ނަތީޖާ ހިތްދަތިވެދާނެ އެވެ. ކުނި އުކާލުމުގެ ގަވާއިދުތަކަށް އަމަލުކުރުމަށް އިރުޝާދުދެވެނީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ލާބައަށްޓަކަ އެވެ.
ހިނގައިދިޔަ މި ހާދިސާއިން ސާފުވެގެންދިޔައީ، މުއައްސަސާތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހީނަރުވެ، ޒިންމާދާރުކަން ކުޑަވެފައިވާ މިންވަރެވެ.
ކުރިއަށް އޮތީ ވިއްސާރަ ދުވަސްކޮޅެއް؛ ސިއްހީ ގޮތުން ވެސް ނުރައްކާ ބޮޑު!
ރާއްޖޭގެ ނަކަތު ކަލަންޑަރު ބުނާ ގޮތުން ހުޅަނގު މޫސުން މިވަނީ ފެށިފައެވެ. އެ ގޮތުން ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމުގައިވާ "އައްސިދަ" ނަކަތުގެ ދުވަސްތަކެވެ.
ވިއްސާރަ މޫސުމުގެ ސަބަބުން ފެންބޮޑުވާ ހާލަތްތަކުގައި، މަގުމަތީގައި ހުންނަ ކުނިތަކާއި ނަޖިސް އެކުވެ ބޮޑު ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ އޮތީ އިންތިހާއަށެވެ. މީގެ ސަބަބުން ކިޔަވާ ކުދިންނާއި ވަޒީފާއަށްދާ ފަރާތްތައް ހިމެނޭހެން ގިނަ ބަޔަކު ކޮންމެ ދުވަހަކު ނުތާހިރު އަދި ނުރައްކާތެރި މާހައުލެއްގައި އުޅެން މަޖުބޫރުވާނެއެވެ. އަނެއްކާވެސް ގެއްލުން މި ވަނީ ރައްޔިތުންނަށެވެ.
ޒިންމާ އަދާކުރޭ، ފަހުން ދެރަވެދާނެ!
މި އަލިފާނުގެ ހާދިސާއަކީ އަޅުގަނޑުމެންނަށް ދިން ވަރުގަދަ އިންޒާރެކެވެ. މިފަހަރު ފުރާނައަށް ގެއްލުމެއް ނުލިބުނު ނަމަވެސް، ކޮންމެ ފަހަރަކު ނަސީބަށް ބަރޯސާވެގެން ތިބުމަކީ ހައްލެއް ނޫނެވެ. ކުނި މެނޭޖުކުރުމަކީ ހަމައެކަނި ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.
ހުރިހާ ފަރާތްތަކަކުން އެ ފަރާތެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށްފިނަމަ، މިފަދަ ހާދިސާތަކުން ރައްކާތެރިވެވޭނެއެވެ. އެހެން ނޫންނަމަ، ކުރިމަތިވާ ނުރައްކާ ދާނީ ބޮޑުވަމުންނެވެ. އަދި ދެން ފަހަރަކުން ލިބޭ ގެއްލުން މިއަށްވުރެ މާ ބޮޑުވެދާނެ އެވެ.

.gif&w=1920&q=75)
