ހަނީމޫނަށް ރާއްޖެއަށް އައި ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފައި ބުރިކޮށްލަން ޖެހިއްޖެ
15 އޭޕްރީލު 2026 - 18:29

ހަނީމޫނަށް ރާއްޖެއަށް އައި ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

Ad by Hajj Corporation
މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލައިފައެވެ.
މާލެ ގެނެސް އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގެ ވާހަކަ ބޭރުގެ ބައެއް ނޫސްތަކުން ވެސް ރިޕޯޓުކޮށްފައި ވެއެވެ.


